27 Apr 2016, 20:39
މެލޭޝިއާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީގެ ކޯސްތަކާއި ޕްރޮގްރާމްތައް ރާއްޖޭގައި ފެށުމަށް ރާއްޖޭގެ އެވިޑް ކޮލެޖާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އެސޯސިއޭޓް ޕްރޮފެސަރު ސަކީނާ ސޯފިއާ އެވެ. އަދި އެވިޑް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔުނިޓާގެ ވައިސް ޗާންސެލަރު ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެވިޑް ކޮލެޖާ ގުޅިގެން އެ ޔުނިވާސިޓީގެ ރީޖަނަލް ސެންޓަރެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ރީޖަނަލް ސެންޓަރު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އެވިޑް ކޮލެޖުގައެވެ. އަދި ސެންޓަރު ގާއިމްކުރުމުން ޔުނިޓާގައި ހިންގާ އެކިކަހަލަ ކޯސްތައް ރާއްޖޭގައި ތިބެގެން ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ.
އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު 'ސަން' އަށް ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވިޑް ކޮލެޖުގައި ޔުނިޓާގެ ޓޫރިޒަމް މެނޭޖްމަންޓް ކޯސްތަކަކާއި ރާއްޖެއަށް މުޅިން އަލަށް، އެޑިއުކޭޝަން ދާއިރާއިން މާސްޓާޒް އޮފް އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ކޯހެއް ފަށަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެވިޑް ކޮލެޖުން މިހާރު އެޑިއުކޭޝަން ދާއިރާއިން މާސްޓާޒް ހަދަމުން ގެންދާ ދަރިވަރުންނަށް ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީގެ ތެރެެއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީއަކީ ސައުތުއީސްޓް އޭޝިއާގެ އިތުރުން ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެށި ވާޗުއަލް ޔުނިވާސިޓީ އެވެ. ޒަމާނީ ވަސީލަތްތަކާއެކު މަތީ ތައުލީމު ފޯރުކޮށްދެމުންދާތާ 17 އަހަރުވެފައިވާ އެ ޔުނިވާސިޓީން މިހާތަނަށް ގާތްގަނޑަކަށް 2000 ވަރަކަށް ދަރިވަރުން ވަނީ ގްރެޖުއޭޓްވެފައެވެ.