27 Apr 2016, 20:24
އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި އިނގިރޭސިވިލާތުގެ ހައި ކޮމިޝަން ގުޅިގެން، އަންހެން ކުދިން ބާރުވެރިކުރުވުމަށް ހިންގާ "ގްރޭސް" ކެމްޕޭނަށް ހާއްސަ ވެބްސައިޓަކާއި ކެމްޕޭނާ ގުޅޭ ދެ ވީޑިއޯ ކްލިޕެއް މިއަދު ލޯންޗުކޮށްފި އެވެ.
މާބްލް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި ވެބްސައިޓާ ވީޑިއޯ ކްލިޕްތައް ލޯންޗުކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާކްގެ މެނޭޖިންގ ޑިރެކްޓަރު ހަވްލާ އަހްމަދު ދީދީ ވިދާޅުވީ "ގްރޭސް" ކެމްޕޭނުގެ މަގްސަދަކީ ދިވެހި އަންހެން ކުދީންނަކީ އެކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާންކެރޭ ބަޔަކަށް ހެދުމާއި، ވަޒީފާގެ މާހައުލަށް ގާބިލް އަދި އަމިއްލަ ދިރިއުޅުމުގައި އާއި އާއިލާގެ ކަންކަމުގައި އާއި މުޅި ގައުމަށް ކުރިއެރުން ލިބޭ ކަންކަމުގައި ނިންމުންތައް ނިންމުމަށް ބާރުވެރި ކުރުވުން ކަމަށެވެ.
މިއަދު ލޯންޗުކުރި ވެބްސައިޓުގައި އެކިއެކި ތައުލީމީ އަދި ވަޒީފާގެ ފުރުސަތުތަކަށް ކުދިން ހޭލުންތެރިކުރުވައި، ލިބޭ އެފަދަ ފުރުސަތުތައް ކާމިޔާބު ކުރުމަށް ކުދިންނަށާއި ބެލެނިވެރިންނަށް ބޭނުންވާނެ މުހިންމު މައުލޫމާތު ހިމެނޭނެ ކަމަށް އާކް އިން ވަނީ ބުނެފަ އެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 ގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ގްރޭސް ކެމްޕޭނުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ: އާކް
އެހެންކަމުން އެ ވެބްސައިޓު ވެގެންދާނީ "ގްރޭސް" ކެމްޕޭނު މެދުވެރިކޮށް ކުދިންނަށާއި ބެލެނިވެރިންނަށް ފޯރުކޮށްދެމުން ދިޔަ މައުލޫމާތު ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ދިރިއުޅޭ ކުދިންނަށް ފަސޭހަކަމާއެކު އެއް ތަނަކުން ހޯދޭނެ ވަސީލަތަކަށް ވާނެ ކަމަށް އާކް އިން ބުނެ އެވެ.
މިއަދު ލޯންޗުކުރި ވީޑިއޯ ކްލިޕްތައް ބިނާކޮށްފައި ވަނީ ވަނަވަރު ތައްޔާރުކުރުމަށާއި މަތީ ތައުލީމާއި ސްކޮލަރޝިޕްތަކާ ބެހޭ މައުލޫމާތުގެ މައްޗަށެވެ.
އާކްގެ "ގްރޭސް" ކެމްޕޭނުގެ ދަށުން ކުރާ މަސައްކަތުގެ ތެރޭގައި، ގްރޭޑު ނުވަޔަކާ 12 އާ ދެމެދުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ސެޝަންތައް ހިންގުން ހިމެނެ އެވެ.
އެގޮތުން އިނގެރޭސިވިލާތުގެ ހައިކޮމިޝަނާ ގުޅިގެން އާކް އިން ވަނީ މާލޭގެ އިތުރުން ހަތަރު އަތޮޅެއްގައި ޖުމްލަ 695 ކުދިންނަށާއި 276 ބެލެނިވެރިންނަށް ސެޝަންތައް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ އިތުރުން ކެމްޕޭނުގެ މެސެޖުތައް އާންމުންނަށް ފޯރުކޮށްދިނުމަށް ވީޑިއޯ އަދި އޯޑިއޯ ކްލިޕްތަކެއް މިދިޔަ އަހަރުވެސް ވަނީ އިފްތިތާހްކޮށްފަ އެވެ.