27 Apr 2016, 19:58
ފަހު ވަގުތު ޖޭޖޭ ލާލްޕެކްލުއާ ޖެހި ލަނޑުން އެއްވަރުވެ އިންޑިއާގެ މޯހަން ބަގާން އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރި އިރު، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ޖީގައި މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
އެ ނަތީޖާއާއެކު މޯހަން ބަގާންއަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. މާޒިޔާއަށް ދެވަނަ ބުރުގެ ޖާގައެއް ހަނިވެފައިވާއިރު، ދެވަނަ ބުރުގެ ޖާގައެއް މާޒިޔާއަށް ލިބޭނީ ފަހު މެޗުގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އަތުން ބޮޑު މޮޅުވެ، ހޮންކޮންގެ ސައުތު ޗައިނާ އަތުން މޯހަން ބަގާން މޮޅުވެގެންނެވެ. ގްރޫޕްގެ އަނެއް މެޗުގައި 2-1 ލަނޑުން ޔަންގޮން އަތުން މޮޅުވެ، ސައުތު ޗައިނާ ވަނީ ގްރޫޕުގެ ދެވަނައަށް ޖެހިލައިފަ އެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
މެޗުގެ 14 ވަނަ މިނެޓުގައި މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މޯހަން ބަގާންގެ ޕެނަލްޓީއޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އަހުމަދު އިމާޒް (އާއްކޮ) އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދަނޑީގައި ޖެހި ނުކުތް ބޯޅަ މޫސާ ޔާމިން (ޔާމްބެ) ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.
އާއްކޮގެ އެ ހަމަލާއަށް ފަހު ވެސް މާޒިޔާއިން ވަނީ މޯހަން ބަގާންގެ ގޯލަށް އަމާޒުކޮށް އިތުރު ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. މޯހަން ބަގާންގެ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު މާޒިޔާގެ ހުސައިން ނިޔާޒް (ބޮކުރީ) ފޮނުވާލި ބޯޅަ އެ ޓީމުގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
އޭގެ ފަހުން މޯހަން ބަގާންގެ ގޯލު ކުރިމައްޗަށް ބޮކުރީ ނަގައިދިން ހުރަސް މާޒިޔާގެ އަސަދުﷲ އަބްދުﷲ ފޮނުވާލި ނަމަވެސް މޯހަން ބަގާންގެ ކުޅުންތެރިއެއްގެ ފައިގައި ޖެހި އެ ބޯޅަ ދިޔައީ ކޯނަރަކަށް ބޭރަށެވެ.
ފުރަތަމަ ހާފްގައި މޯހަންބަގާންއަށް މާޒިޔާގެ ގޯލާ އަމާޒުކޮށް މާގިނަ ހަމަލާތަކެއް ފޮނުވާނުލެވުނު އިރު، އެ ޓީމުގެ ކޯނެލް ގްލެން މާޒިޔާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ. މޯހަން ބަގާންގެ ޕްރޯނީ މާޒިޔާގެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ގެލެން ވެއްޓިލާފައި ފޮނުވާލި ނަމަވެސް މާޒިޔާގެ ކީޕަރު އިމްރާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ގްލެން ވަނީ މާޒިޔާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ގްލެން ފޮނުވާލި އެ ހަމަލާ، ކީޕަރު އިމްރާން ދިފާއުކުރުމާއެކު ޖޭޖޭއަށް ލިބުނު ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާ މާޒިޔާ ކުޅުންތެރިއެއްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފަ އެވެ.
މޯހަން ބަގާންގެ އެ ހަމަލާއަށް ފަހު މާޒިޔާއިން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފަ އެވެ. މަޒިޔާގެ ބޮކުރީ އަރިމަތިން ހިފައިގެން އައި ބޯޅަ މޯހަން ބަގާން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ހުރަސް ކޮށްލި ބޯޅަ، މާޒިޔާ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން މޯހަން ބަގާންގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 64 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިސްމާއީލް އީސައަށް ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލުމުން ކީޕަރުގެ އަތުގައި ޖެހިފައި ނުކުތްވަގުތު ބޯޅަ ލިބުނީ އަސައްކޮއަށެވެ. އަސައްކޮ ފޮނުވާލި ހަމަލާ އަމާޒުވީ މޯހަން ބަގާން ގޯލުގެ ތިރީ ކަނަށެވެ.
މޯހަން ބަގާންއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ތެރޭގައި ޖޭޖޭ ޖެހި ލަނޑުންނެވެ.
އެ ނަތީޖާތަކާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރި މޯހަން ބަގާން ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ސައުތު ޗައިނާއަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ޔަންގޮންއަށް ފަސް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް މާޒިޔާއަށް ވެސް ފަސް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ޔަންގޮން ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.
މޯހަން ބަގާންއާއެކު ގްރޫޕް ޖީއިން ދެވަނަ ބުރުގެ ޖާގައެއް ހޯދާ ޓީމެއް ކަށަވަރުވާނީ ގްރޫޕުގެ ފަހު މެޗުތަކަށް ފަހު އެވެ. އަންނަ މަހުގެ 11 ވަނަ ދުވަހު ރަށުން ބޭރުގައި ޔަންގޮންއާ ދެކޮޅަށް މާޒިޔާ ނުކުންނައިރު، ރަށުން ބޭރުގައި މޯހަން ބަގާންއާ ދެކޮޅަށް ސައުތު ޗައިނާ ނުކުންނާނެ އެވެ.