ރާއްޖެ ވަށައި ކަޓަމަރާނެއްގައި ބުރެއް ޖަހައިގެން ރާއްޖޭގެ ތާރީހީ ރެކޯޑް ގާއިމްކުރި އަބްދުލް ޣަފޫރު އަލީ (ގައްބެ)، މުއާސަލާތީ ކުންފުނި، ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސައިފި އެވެ.

ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަން ލިބުނުކަމުގެ ލިޔުން ގައްބެއަށް ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ލިޔުން ގައްބެއަށް ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ، ގައްބެގެ ދަތުރަކީ މުޅި ރާއްޖެ މިއަދު އެކަމަށްޓަކައި ފަހުރުވެރިވާ ކަމެއް ކަމަށާއި ޒުވާނުންނަށް ދައްކައިދިން ނަމޫނާއެއް ކަމަށެވެ. އަދި ގައްބެގެ ދަތުރުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ކުރިއަރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ޒުވާނުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ވަރަށް ބޮޑު ފަހުރެއް ގައްބެ ކަހަލަ ބޭފުޅަކު، އެހާބުރަ މަސައްކަތެއް ކުރެއްވި ބޭފުޅަކު އަޅުގަނޑުމެންގެ ބްރޭންޑް އެމްބެސަޑަރަކަށް ވުމަކީ،" އިސްމާއިލް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ގައްބެ ބުނީ ދިރާގަކީ ގައްބެގެ ދަތުރުގައި ބޮޑު އެއްބާރުލުމެއް ދިން ފަރާތެއް ކަމަށެވެ. އެގޮތުން ގައްބެ ޓްރެކް ކުރުމުގެ ކަންކަމާއި، ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ބޭނުން ވަގުތެއްގައި ގުޅާލެވޭނެ ސެޓަލައިޓް ފޯނެއް ގައްބެއަށް ދިރާގުން ހަދިޔާކުރިކަން ގައްބެ ފާހަގަކުރި އެވެ.

"ދިރާގުގެ އެމްބެސަޑަރަކަށް ވާން ވަރަށް ފަހުރުވެރިވޭ. ދިރާގުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އަޅާފައިއިން ސަބްމެރިން ކޭބަލް ވަށާ ބުރެއް ޖަހާފަ އައިތަނާ ދިރާގުން މި ފުރުސަތު ގައްބެއަށް ދިނީމަ ވަރަށް އުފާވޭ،" ގައްބެ ބުންޏެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ، ދިރާގުން އަބަދުވެސް އެފަދަ ފުރުސަތުތައް ދެނީ ދިވެހިރާއްޖޭން ފާހަގަކޮށްލެވޭ ދިވެހި ޒުވާނުންނަށް ކަމަށެވެ. އެގޮތުން ގައްބެ ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖެއްސީ އެގޮތަށް ބަލާފައި ކަމަށް މިރުޝާން ވިދާޅުވިއެވެ.

ގައްބެ ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސާފައިވާ އިރު، އޭނާ އަށް މިހާރު ވަނީ ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވެސް އޭޝިއާ ސަރަހައްދު ތަމްސީލުކުރުމުގެ ފުރުސަތު ލިބިފަ އެވެ.