ފުވައްމުލަކު މިސްކިތްމަގު އަވަށުގައި އޮންނަ މާނެރެ އަތިރި ސަރަހައްދަށް ކުނި އެޅުން މަނާކޮށްފި އެވެ.

ފުވައްމުލަކު މިސްކިތްމަގު ކައުންސިލު އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މާނެރެ އަތިރިއަކީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް ހިމެނޭ ގޮތަށް، ހުރިހާ އުމުރެއްގެ މީހުން މޫދަށް އެރި އުޅޭ ސަރަހައްދަކަށް ވާ އިރު، އެސަރަހައްދަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

"މިސްކިތްފަންނުން ފެށިގެން ފީދިފަންނާއި ދެމެދަށް ގޮނޑުދޮށާއި ހޭޅިފަށަށް އެއްވެސް ބާވަތެއްގެ ކުންޏެއް އުކާލުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ،" އެ އިއުލާނުގައި ބުނެފައި ވެ އެވެ.

މިސްކިތްމަގު ކައުންސިލުން ބުނީ، ކުނި އެޅުމުގެ އަމަލުތައް ތަކުރާރު ކުރާ ފަރާތްތަކާ މެދު، ކުންޏާ ބެހޭ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅި އަޅާނެ ކަމަށެވެ.

މީގެ އިތުރުން ވެއްޔާއި ދޮންވެލި އަދި އަކިރި ނެގުން ވެސް ހުއްޓާލުމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ.