27 Apr 2016, 14:58
ލެސްޓާ ސިޓީގެ އިނގިރޭސި ފޯވަޑް ޖެމީ ވާޑީއާ ނުލައި، އަންނަ އާދީއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެގެން އިނގިރޭސި ޕްރިމިއާ ލީގު ކަށަވަރު ކުރެވޭނެ ކަމަށް ލެސްޓާގެ ޑިފެންޑަރު ޑެނީ ސިމްޕްސަން ބުނެފި އެވެ.
މިއަހަރުގެ ކުރީކޮޅު ވެސްޓް ހާމްއާ ދެކޮޅަށް ކުޅެ، 2-2 ލަނޑުން އެއްވަރުވި މެޗުގައި ވާޑީއަށް ރެފްރީ ޖޯން މޮސް ދެއްކި ރަތްކާޑާ ގުޅިގެން ހިތްހަމަނުޖެހިގެން ރެފްރީއާ ދިމާލަށް ރައްދުކުރި ބަސްތަކެއްގެ ސަބަބުން އޭނާއަށް ސަސްޕެންޝަނުގެ އިތުރުން ވާޑީއަށް ވަނީ ޖޫރިމަނާގެ ގޮތުގައި 10،000 ޕައުންޑް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނަށް ދައްކަން ޖެހިފަ އެވެ.
ވާޑީގެ ސަސްޕެންޝަނާ ގުޅިގެން އޭނާ ނުލައި، ސްވަންސީ ސިޓީއާ ދެކޮޅަށް ލެސްޓާ ކުޅުނު މެޗު ފަސޭހަކަމާ އެކު 4-0 ލަނޑުން ވަނީ މޮޅުވެފަ އެވެ. އެ މެޗުގައި ލެސްޓާގެ ލިއޮނާޑޯ އުލޮއާގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔަ އެވެ.
"އަހަރެމެންނާ މެދު ގޯސްކޮށް ދެކުނު މީހުންނަށް އަހަރެމެންނަށް މެސެޖެއް ދެވުނު ކަމަށް ގަބޫލުކުރަން. އަހަރެމެންގެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ފެންވަރުގެ ކުޅުންތެރިން އެބަތިބި. އުލޮއާ އަކީ ސްވަންސީ މެޗުގެ މޮޅު ކުޅުންތެރިޔާ. ޖެފް ޝުލުޕް އާއި ޑެމަރައީ ގްރޭ އަދި މާކް އޯލްބްރައިޓަންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ. އެހެންވީމަ، ވާޑީ ނެތަސް ޔުނައިޓެޑުގައި އަހަރެމެންނަށް ލީގު ކަށަވަރުކުރެވިދާނެ،" ސިމްޕްސަން ބުންޏެވެ.
ސިމްޕްސަން ބުނީ، ޓީމަށް ކުޅެލަން ބޭނުންވާ ކުޅުންތެރިން ގިނަ ކަމަށާއި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަކީ ބޮޑު މެޗަކަށް ވާނެ ކަމަށެވެ. އަދި އެ މެޗުން ތިން ޕޮއިންޓް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ލެސްޓާ ނުކުންނާނީ އަންނަ އާދީއްތަ ދުވަހު އިރުއޮއްސި 6:05 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޔުނައިޓެޑުގެ އޯލްޑް ޓްރެފަޑްގަ އެވެ. އެ މެޗުން ލެސްޓާ މޮޅުވެއްޖެ ނަމަ، އެ ޓީމަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.