27 Apr 2016, 13:27
ރާއްޖޭގެ އިސްލާމިކު ޔުނިވާސިޓީގެ ވައިސް ޗާންސަލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވައިފި އެވެ.
މިސްރުގެ ކައިރޯގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ދަރިވަރުން ކިޔެވުމަށް އިތުރަށް ސަމާލުކަން ދިނުމަށާއި ކިޔެވުމުގެ ދުވަސްވަރުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިވުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވި އެވެ.
ކެރުންތެރިކަން ކުރިއެރުވުމަށާއި ކިޔަވައި ނިންމުމަށްފަހު އިސްލާމީ އުއްމަތަށާއި ގައުމަށް ތެދުވެރިކަމާއެކު ހިދުމަތް ކުރެއްވުމަށް ވެސް އިއްޔެގެ ބައްދަލުވުގައި ވައިސް ޗާންސަލާ ވަނީ ދަރިވަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
އަލް އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލު ކުރާ ކުދިންނަށް ރާއްޖޭގެ އިސްލާމިކު ޔުނިވާސިޓީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވެސް ވައިސް ޗަންސަލާ ވިދާޅުވި އެވެ.
އަދި އަލްއަޒްހަރް ޔުނިވާސިޓީގައި ކިޔެވުމުގެ ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ދަރިވަރުން ހިފުމަށް ވެސް ވައިސް ޗާންސަލާ އިލްތިމާސް ކުރެއްވި އެވެ.