27 Apr 2016, 12:42
ރާއްޖޭގެ އިދިކޮޅު މައި ޕަޓީ އެމްޑީޕީގެ އިސް ބައެއް ބޭފުޅުން އިނގިރޭސި ވިލާތުގައި ތިއްބަވާތީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެ މެމްބަރަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިނގިރޭސި ޕާލަމެންޓުގެ މެމްބަރު ސާ ޑޭވިޑް އެމެސް، އެ މަޖިލީހުގެ ބަހުސެއްގެ ތެރޭގައި ވަނީ، އެ ގައުމުގައި ތިއްބެވި ބޭރު ގައުމުތަކުގެ ސިޔާސީ ބޭފުޅުންނާ ބެހޭ ބަހުސެއް ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
އެމެސް ވިދާޅުވީ، ލަންޑަނުގައި ތިއްބެވި ބައެއް އެމްޑީޕީގެ މެމްބަރުންގެ މައްޗަށް ރާއްޖޭގައި ވަރަށް ސީރިއަސް ޖިނާއީ ދައުވާތަކެއް ކުރެވިފައިވާ ކަމަށާއި ދިވެހި ހައި ކޮމިޝަނާ އެމެސް ގަތު ވިދާޅުވެފައިވާ ކަމަށެވެ.
"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގޭ އެބޭފުޅުން މިތަނުގައި ކުރައްވަމުން ގެންދަވާ ކަމެއް،" އެމެސް ވިދާޅުވި އެވެ.
އެމެސްއަށް ރައްދު ދެއްވަމުން، ހައުސް އޮފް ކޮމަންސްގެ ލީޑަރު ކްރިސް ގްރޭލިންގް ވިދާޅުވެފައި ވަނީ، އެމެސް ނެންގެވީ ރަނގަޅު ނުކުތާއެއް ކަމަށާއި، އެމެސްއާ ގުޅިގެން، މި މައްސަލަ އިނގިރޭސި ހޯމް އޮފީހާއި ފޮރިން އޮފީހުގެ ސަމާލުތަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މި ގައުމަށް ބަޔަކު އެތެރެވާ އިރު އެބަ އެނގެން ޖެހޭ އެބޭފުޅުންގެ ދަތުރުގެ މަގުސަދާއި، އެއީ ކޮން ބައެއްކަމާއި އެމީހުން މިތަނުގައި ކުރަނީ ކީއް ކަން،" ގްރޭލިންގ ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލެވިފައިވާ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އަދި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ވެސް، ބޭސްފަރުވާ އަށް ސިންގަޕޫރަށް ދިއުމަށް ހުއްދަ ސަރުކާރުން ދެއްވި ފަހުން، އިނގިރޭސި ވިލާތަށް ވަޑައިގެންފައި ވެ އެވެ.
އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހިދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑާ އަމީން އިބްރާހީމާއި ކުރީގެ ނައިބު ރަޢީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް މިހާރު ދިރިއުޅުއް ވަނީ އިނގިރޭސި ވިލާތުގަ އެވެ.