27 Apr 2016, 12:28
ބަޣުދާދު (އޭޕްރިލް 27): ސަރުކާރު އިސްލާހު ކުރުމަށް ގޮވާލައި އިރާގުގެ ގިނަ އަދަދެއްގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން، އެ ގައުމުގެ ކެބިނެޓުގެ ބައެއް މިނިސްޓަރުން ބަދަލު ކުރަން އިރާގުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފި އެވެ.
މަޖިލީހުގެ މެމްބަރުން ވަނީ ހަ މިނިސްޓްރީއަކަށް އެ ގައުމުގެ ބޮޑުވަޒީރު؛ ހައިދަރު އަލް އަބަދީ ހުށަހެޅުއްވި ނަންތަކަށް ރުހުން ދީފައި ކަމަށް މަޖިލީހުގެ ތަރުޖަމާނު، އިމާދު އަލްހަފީޖީ ވިދާޅުވި އެވެ.
އާ މިނިސްޓަރުން ހޮވާފައި ވަނީ އެ ގައުމުގެ ސިއްހަތާއި ފެނާއި ކަރަންޓާއި ލޭބާ އެންޑް ސޯޝަލް އެފެއާޒާ ބެހޭ މިނިސްޓްރީތަކަށް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
އިރާގުގައި މަޝްހޫރު ޝީޢީ އިލްމުވެރިއެއް ކަމަށްވާ، މުގުތަދާ އަލް ސަދުރަށް ވާގިވެރިވާ ފަރާތްތަކުން ވަނީ ގައުމުގެ ސިޔާސީ މަޝްރަހު އިސްލާހު ކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް ގޮވާލައި، ތަހުރީރު ސްކޮޔާގައި މުޒާހަރާކޮށްފަ އެވެ. އޭގެ ފަހުން، މުޒާހަރާގެ ބައިވެރިން ވަނީ ގިނަ އަދަދެއްގެ ސަރުކާރު އޮފީސްތަކާއި އެމްބަސީތައް ހުންނަ ގްރީން ޒޯނަށް އެއްވެ މުޒާހަރާކޮށްފަ އެވެ.
އިރާގުގެ ސިޔާސީ މަޝްރަހު އޮތް ހާލަތުގެ ސަބަބުން އެ ގައުމުގެ ސަރުކާރުން ވަނީ ގައުމަށް ދިމާވެފައިވާ އިގުތިސާދީ ހީނަރު ކަމުން އަރައި ގަތުމަށް ނުކުޅެދިފަ އެވެ. އިރާގުގެ މާލީ ހާލަތު ގޯސްވެފައި ވަނީ ތެލުގެ އަގު ދަށްވުމުގެ ސަބަބުންނާއި އެ ގައުމުގެ ބޮޑު ބައެއް ހިސާރުކޮށްފައިވާ އައިއެސްއާ ހަނގުރާމަ ކުރަން ފައިސާ ހަރަދު ކުރުމުގެ ސަބަބުންނެވެ. (އަލްޖަޒީރާ)