މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ކުރީގެ ރައީސަކު ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ދަޅަ ދެއްކެވުން ނޫން ކަމެއް ނުކުރައްވާ ކަމަށް ފޮރިން މިނިސްޓާ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

"ދަ ގްލޯބް އެންޑް މެއިލް" ނޫހަށް ދުންޔާ ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ދުނިޔެ ހޫނުވުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ސޮއި ކުރި ޕެރިސް މުއާހަދާ ތަންފީޒު ކުރަން އަވަސް ވެގަންނަން ޖެހިއްޖެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ބޭނުންވަނީ ހަލުއި މަސައްކަތް. މިދިޔަ ހަފްތާގައި އަޅުގަނޑުމެންގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ޕެރިސް މުއާހަދާ ރާއްޖޭގައި ތަސްދީގު ކުރުމަށް ފާސްކޮށްފައި،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ މިކަމަކީ ކުދި ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކަލެއް ހައްލު ކުރުމަށް ކުރަންޖެހޭ ކަމެއް ކަމުން، މި ކަމުގެ މުހިންމުކަން އެންމެ ބޮޑަށް އެނގޭނީ ކުދި ގައުމުތަކަށް ކަމަށެވެ. ނަމަވެސް، ބޮޑެތި ގައުމުތަކުގެ ސިޔާސީ ބޭފުޅުންނާއި ގާނޫނު ހަދާ މަޖިލީހުގެ ބޭފުޅުންނަށް ވެސް މިކަމުގެ މުހިންމުކަން އެނގޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި މުޅި ދުނިޔޭގެ ސިޔާސީ ބޭފުޅުންނާއި ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ވެސް ސަޕޯޓު ނުލިބި، މި މުއާހަދާ ދާނީ ފެނަށް ކަމަށް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަސައްކަތް ކުރަން ނިންމައި، އަތް އުރާލައިގެން ހުރުމުގެ ފުރުސަތު ވެސް ދެވެން ނެތް ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރަށް އިޝަރާތް ކުރައްވައި، ދުންޔާ ވިދާޅުވީ، ރާއްޖޭގެ "ކުރީގެ ރައީސާއި އެ ސަރުކާރަކުން" މީގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ވާހަކަ ދައްކަވައި، މީޑިއާގެ ސަމާލުކަން ހޯއްދެވި ކަމަށާއި، ނަމަވެސް އެއްވެސް ރަނގަޅު ކަމެއް އެ މައުޟޫއުގައި ކުރައްވާފައި ނުވާ ކަމަށެވެ.

"އެބޭފުޅުން ކަނޑު އަޑީގައި ކެބިނެޓު މީޓިން ބާއްވަވައި، މޫސުމަށް އަންނަ ބަދަލާ ބެހޭ ހޮލީވުޑު ފިލްމެއް ކުޅުއްވައި، ރައީސް އޮފީހުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރެއްވީ. އެކަމަކު ހަގީގަތުގައި އެބޭފުޅުން ކުރެއްވި ކަމަކީ ކުނި ބޭނުންކޮށްގެން އާ ރަށެއް ހިއްކުން. އަދި އިންސްޓޯލު ކުރި ސޯލާ ޕެނަލްތައް ކަރަންޓު ގްރިޑާ ގުޅުމަށް ވެސް އެބޭފުޅުން ފޭލު ވީ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، މިއީ އެބޭފުޅުން ދެއްކެވި ދަޅަތަކެއް ކަމަށާއި، ނަމަވެސް މިވަގުތު ރާއްޖެ އާއި ދުނިޔެއަށް ބޭނުންވަނީ ކަންކަން ކުރާނެކަން އަމަލުން ދެއްކުން ކަމަށެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސަރުކާރުން ވަނީ، ކުންޏާއި އުކާލެވޭ ތަކެތިން ހަކަތަ އުފެއްދުމުގެ މަޝްރޫއުތައް ފަށާފައި ކަމަށާއި ރާއްޖޭގެ އިގްތިސާދު އެކަމަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާއަތަކީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ކުރިއަށް ގެންދާ ސިނާއަތަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ފިލާވަޅުތައް ރާއްޖޭގެ ސްކޫލުތަކުގައި ފުރަތަމަ ފަހަރަށް މިހާރު ކިޔަވައިދޭން ފަށާފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.