07 May 2011, 19:28
ޖަކާޓާ : އިންޑޮނީޝިޔާގެ ފަސިންޖަރު މަތިންދާބޯޓެއް ވެއްޓި އޭގައިތިބި 27 މީހުން މަރުވެއްޖެވެ.
އިންޑޮނީޝިޔާގެ އެތެރޭގެ އުދުހުމެއްގައި ޙަރަކާތްތެރިވަމުންދިޔަ މިމަތިންދާބޯޓު ވެއްޓިފައިވަނީ އެޤައުމުގެ އިރުމަތީ ޖަޒީރާއެއްކަމަށްވާ ބާބޫގެ އައްސޭރިފަށުގެ 500 މީޓަރު ދުރުން ކަނޑަށެވެ.
ދެ އިންޖީނުގެ މިބޯޓުގައި 6 ފަޅުވެރިންނާއެކު ޖުމްލަ 27 މީހުން ތިބިއިރު މީގެތެރޭގައި 6 ތުއްތު ކުދިން ހިމެނޭ ކަމަށް އިންޑޮނީޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.
ބޯޓު ވެއްޓުމުގެ ކުރިން އޭގައި އަލިފާންރޯވިކަމަށާއި ބޯޓު ކަނޑަށްވެއްޓުނުތާ އިރުކޮޅެއްގެ ތެރޭގައި ބައެއް މީހުންގެ ހަށިތައް ކަނޑުމަތިން ފެނިފައިވާ ކަމަށް އިންޑޮނީޝިޔާގެ ކަނޑުގެ ސިފައިން ބުނެއެވެ.
އިންޑޮނީޝިޔާއަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންތައްތައް އެންމެ ދަށްޤައުމުތަކުގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ ޤައުމެކެވެ. (އަލްޖަޒީރާ)