ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މެންޗަސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގައި އަނިޔާވެގެން ބަދަލު ކުރި ޑޭވިޑް ސިލްވާއަށް ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއުގައު ކުޅޭ މެޗުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ސިލްވާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު އިރު ސިޓީގެ ކޯޗު މެނުއަލް ޕެލިގްރިނީ ބުނީ ސިލްވާގެ އެ އަނިޔާއަކީ ކުޑަ އަނިޔާ އެއް ނޫން ކަމަށާއި ހަފްތާއެއްގެ ތެރޭގައި މުޅިން ފިޓްވުމަކީ ނާދިރު ކަމެއް ކަމަށެވެ.

"ސިލްވާ އަށް ވެފައިވަނީ ބޮޑު އަނިޔާ އެއް. ހަފްތާއެއްގެ ތެރޭގައި އަނިޔާ އިން މުޅިން ރަނގަޅުވެ ފިޓްވެވޭ ވަރަށް ވުރެން އޭނާގެ އަނިޔާ ބޮޑު. ކުރިއަށް އޮތީ ވެސް މޮޅުވާން މަޖުބޫރު އުނދަގޫ މެޗެއް،" ޕެލިގްރިނީ ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ސިޓީ އާއި ރެއާލް ކުޅުނު މެޗުގައި ސިޓީގެ ސިލްވާ އަށް އަނިޔާވެގެން ދަނޑުން ފައިބަނީ --- ފޮޓޯ: އޭޕީ

ދެވަނަ ލެގުގައި މެޗަށް އަންނަ ހަފްތާގެ ބުދަ ދުވަހު ސިޓީން ނުކުންނައިރު ހުކުރު ދުވަހު އެ ޓީމު ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ވެސް ނުކުންނާނެ އެވެ. އެހެން ކަމުން ލީގުގައި ބާކީ ތިން މެޗު އޮތް އިރު ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ސިޓީ އަށް އެ މެޗަކީ ވެސް މުހިންމު މެޗަކަށް ވާނެއެވެ.

މުހިންމު މެޗުތަކެއް ކުރިއަށް އޮއްވާ ސިލްވާ އަށް އަނިޔާވެފައިވާ އިރު ރޭގެ މެޗުގައި އޭނާގެ ބަދަލުގައި ކުޅެން ނިކުތް ނައިޖީރިއާގެ އުމުރުން 19 އަހަރުގެ ފޯވާޑް ކެލިޗީ އިހަނަޗޯގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

ސިލްވާގެ އިތުރުން ސިޓީގެ އިތުބާރު މިޑްފީލްޑަރު ޔާޔާ ޓޯރޭ ވެސް ހުރީ އަނިޔާގަ އެވެ.