މިދިޔަ މާޗު މަހާ ހަމައަށް، ރާއްޖޭގައި ހަތް ލައްކައަށް ވުރެ ގިނަ މޯބައިލް ފޯނު ބޭނުންކުރިކަން ކޮމިއުނިކޭޝަންސް އޮތޯރިޓީން ހާމަކޮށްފި އެވެ.

ކޮމިއުނިިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ އަހަރު އެ އަދަދު ހުރީ 687،171 ގަ އެވެ. ނަަމަވެސް މިހާރު އެ އަދަދު ހުރީ 761،325 ގަ އެވެ. އޭގެ ތެރޭގައި ޕޯސްޓްޕެއިޑު ފޯނު ކަނެކްޝަންގެ 89,416 ލައިނާއި، ޕްރީޕެއިޑްގެ 671,909 ކަނެކްޝަން ހިމެނެ އެވެ.

ފެބްރުއަރީ މަހު މޯބައިލް ފޯނު ކަނެކްޝަނުގެ ޖުމްލަ އަދަދަކީ 752،117 އެވެ. އެ އަދަދު މާޗު މަހު 752،117 އަށް އިތުރުވެފައިވާ އިރު، އެއީ އެއް މަސް ތެރޭގައި އިތުރުވި 9،148 ފޯނު ކަނެކްޝަނެވެ.

މިއީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ 100 މީހަކަށް 215.47 މޯބައިލް ފޯނެވެ.

މާޗު މަހާ ހަމައަށް 236,252 މޯބައިލް ފޯނުން މޯބައިލް ބްރޯޑްބޭންޑު ބޭނުންކޮށްފައިވާ އިރު، ރާއްޖޭގެ ގެތަކަށާއި އޮފީސްތަކަށް އިންޓަނެޓްގެ ގޮތުގައި 23,803 ލައިން ދޫކޮށް، ހިދުމަތް ހޯދަމުންދެ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ޖުމްލަ 21،818 ފިކްސްޑް ފޯނު ލައިނު ހުންނަ އިރު، އޭގެ ތެރެއިން 16،000 ލައިނަކީ މާލެ ސަރަހައްދުގައި ހުންނަ ލައިނުތަކެވެ. އަދި 5,818 ލައިނަކީ އަތޮޅު ތެރެ އާއި ރިސޯޓުތަކުގައި ހުރި ލައިނުތަކެވެ. ފިކްސްޑް ފޯނު ލައިނުތަކުގެ ޖުމްލަ އަދަދު، ޖަނަވަރީ އަދި ފެބްރުއަރީ މަހު ހުރީ 21,882 ގަ އެވެ. އެ އަދަދު މި ވަނީ މާޗް މަހު ދަށްވެފަ އެވެ.