27 Apr 2016, 10:56
ހައުސިން މިނިސްޓްރީގެ އެންގުމަށް ހުސްނުކުރާ ހާބަރު ކަޑަތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހުސްކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މިނިސްޓްރީން ހުސްކުރަން ފަށާ ކަޑަތަކުގައި ހުރި މުދަލަކަށް ލިބޭ ގެއްލުމުގެ ޒިންމާ ދައުލަތުން ނުއުފުލާނެ ކަމަަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ހާބަރު ކަޑަތައް ބަންދުކުރަން އެ މިނިސްޓްރީން އެންގީ އެތަނުގައި ޒަމާނީ ފެންވަރުގެ ފުޑު ކޯޓް ތަރައްގީ ކުރުމަށް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި 18 ވަނަ ދުވަހު އެންގި އެންގުމަށް ކަޑަތައް ބަންދުކޮށްފައި ނުވާތީ، މިދިޔަ ހޯމަ ދުވަހު ވަނީ ކަޑަތައް ހުސްކުރަން ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ. ނަމަވެސް މިހާތަނަށް ހާބަރުގެ އެއްވެސް ކަޑައެއް ހުސްކޮށްފައެއް ނުވެއެވެ.
ހާބަރު ކަޑަތައް ނެގުމަށްފަހު އެތަނުގައި ޒަމާނީފެންވަރުގެ ފުޑު ކޯޓުތައް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެސްޓީއޯއާ ހަވާލުކޮށްފައެވެ.
އެސްޓޯއޯއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޕާކިން ޒޯންތަކަކާއި ދެ ފާޚާނާބަރި ވެސް އެ ސަރަހައްދުގައި ހަދާނެ އެވެ.