ޗައިނާގެ އިރު ދެކުނުގައި އޮންނަ ޝަންހާއީއަށް 299 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަން ފެއާއެއް، މެގަ މޯލްޑިވްސްއިން ތައާރަފު ކޮށްފި އެވެ.

މެގަ މޯލްޑިވްސްއިން ކުރި އިއުލާނެއްގައި ބުނާ ގޮތުގައި، މި ފެއާތަކަކީ ކުރިއަށް އޮތް މެއި މަހަށް ޚާއްސަ ކޮށްގެން ތައާރަފް ކުރި ފެއާތަކެއް ކަމަށާއި، 31 މެއި ވަނަ ދުވަހުގެ ކުރިން ފެއާ ދެކޮޅު ޓިކެޓުގެ ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.

މެގަ މޯލްޑިވްސްއިން ބުނީ، މި ފެއާގެ ޓިކެޓުތަކަކީ ލިމިޓުކޮށް ވިއްކާ ޓިކެޓުތަކަކަށް ވީހިނދު، ޓިކެޓު ހުސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ޓިކެޓު އަވަހަށް ބައްލަވައިގަތުމަށް މެގަ މޯލްޑިވްސްއިން އެދެ އެވެ.

މެގަ މޯލްޑިވްސްއިން، މާލެއިން ޝަންހާއީއަށް ހަފްތާއަކު ހަތަރު ފަހަރަކު ދަތުރު ކުރެ އެވެ. އެއީ އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހެވެ.

މެގަ މޯލްޑިވްސްއިން ދުނިޔޭގެ ތަފާތު މަންޒިލުތަކަށް ދަތުރު ކުރާ އިރު، އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، މެލޭޝިއާގެ ކުއަލަ ލަމްޕޫރު، ޝަންހާއީ، ޗައިނާގެ ބެއިޖިން މަގުން ޓޯކްޔޯ، އަދި މަކާއު އާއި ހޮންގްކޮން މަގުން ޕަލާއޫ ވެސް ހިމެނެ އެވެ.