ވޮޝިންޓަން (އޭޕްރިލް 27): އައިއެސް އިން ހިސާރުކޮށްފައިވާ ސަރަހައްދުތަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ދިން ހަމަލާތަކުގައި 800 މިލިއަން ޑޮލަރަށް އަރާވަރުގެ ފައިސާ ނައްތާލާފައިވާ ކަމަށް އެމެރިކާ އަސްކަރިއްޔާގެ އިސްބޭފުޅަކު ވިދާޅުވެއްޖެ އެވެ.

ބަޢުދާދުގައި މިހާރު ހުންނެވި އެމެރިކާ އަސްކަރިއްޔާގެ މޭޖާ ޖެނެރަލް އަދި އައިއެސްއާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ ޑެޕިއުޓީ ކޮމާންޑަރު، ޕީޓާ ގާސްޓަން ވިދާޅުވީ އައިއެސްގެ ފައިސާ ރައްކާކުރާ އިމާރާތްތަކަަށް އަމާޒުކޮށް އެމެރިކާ އިން ވަނީ 20 ވަރަކަށް ހަމަލާ ދީފަ ކަމަށެވެ.

އަދި މިހާރު އައިއެސް އަށް ދިމާވެފައިވާ ފައިސާގެ ދަތިކަމުގެ ސަބަބުން އެޖަމާއަތާ އަލަށް ގުޅޭ މެމްބަރުންގެ އަދަދު މަދުވެ، އައިއެސް ދޫކޮށްފައިދާ ހަނގުރާމަވެރިންގެ އަދަދު 90 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ގާސްޓަން ވިދާޅުވި އެވެ.

ދެހާސްސާދަ ވަނަ އަހަރު އެމެރިކާގެ ޓްރެޝަރީން ވަނީ އައިއެސް އަކީ އެގައުމުން ކުރިމަތިލާން ޖެހުނު "އެންމެ މުއްސަނދި ޓެރަރިސްޓު ޖަމާއަތް" ކަމަށް ބުނެފަ އެވެ. (ބީބީސީ)