27 Apr 2016, 09:36
އައްޑޫލައިވް ނަމުގައި ހިންގަމުން އަންނަ ނޫސް އޮންލައިން ނޫހަކީ ގަވައިދާ ހިލާފަށް ނެރޭ ނޫހެއް ކަމަށް ބުނެ ހޯމް މިނިސްޓްރީން އެ ނޫސް ބުލޮކްކޮށްފި އެވެ.
ހޯމް މިނިސްޓަރުގެ ސްޕޯކްޕާސަން ހިންނަ ހާލިދު މިއަދު ސަން އަށް ވިދާޅުވީ އެ ނޫހަކީ ރަޖިސްޓްރީނުކޮށް ގަވައިދާ ހިލާފަށް ހިންގަމުން އަންނަ ނޫހަކަށް ވާތީ ހޯމް މިނިސްޓަރު އެ ނޫސް ބުލޮކްކުރުމަށް ނިންމައި އެކަންކޮށްފައިވާ ކަމަށެވެ.
"ގަވައިދުން ބޭރުން ކުރިއަށްގެންދާތީވެ، ރަޖިސްޓާ ނުކޮށް ކުރިއަށްގެންދާތީވެ މިނިސްޓަރު ނެންގެވި ޑިސިޝަންއެއް އެއީ." އެ ނޫސް ބުލޮކް ކުރި ސަބަބާ ބެހޭ ގޮތުން ހިންނަ ވިދާޅުވި އެވެ.
ރާއްޖޭގައި އެތައް ބަޔަކު ބުލޮގްތަކާއި އެހެން ކުދި ނޫސްތައް ވެސް އެގޮތަށް ހިންގަމުންދާތީ އެއީ މައްސަލައެއްތޯ ސުވާލު ކުރުމުން ހިންނަ ވިދާޅުވީ ނޫސްތައް ކުރިއަށްގެން ދެވޭނީ ރަޖިސްޓްރީކޮށްގެން ކަމަށެވެ.
އައްޑޫގެ ހަބަރުތައް ގެނެސްދިނުމަށް ހާއްސަކޮށް މަސައްކަތް ކުރަމުން އައި އައްޑޫލައިވް ނޫސް ފަހުން ގޮސްފައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ކަންތައްތަކާ ގުޅޭ ގޮތުން ތަފާތު އާޓިކަލްތައް ގެނެސްދިން ނޫހަކަށެވެ.
އައްޑޫ ލައިވްއަކީ 2013 ވަނަ އަހަރުން ފެށިގެން އޮންލައިންކޮށް ނެރެމުން އަންނަ ނޫހެކެވެ.