ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ އާއި ސްޕެއިން ކްލަބު ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މެންޗެސްޓާ ސިޓީގެ އަމިއްލަ ދަނޑު، އެތިހާދު ސްޓޭޑިއަމްގައި ސިޓީ އާއި ރެއާލް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޭޕީ

މެޗަށް ރެއާލުން ނުކުތީ އެ ޓީމުގެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ނުލަ އެވެ. ރޮނާލްޑޯއަށް މެޗުގައި ބައިވެރިވެވިފައި ނުވަނީ އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެ މެޗަކީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލު މެޗެއްގައި ސިޓީ ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި ރެއާލަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ކްލަބެވެ. ރެއާލްއިން ވަނީ ދިހަ ފަހަރު ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ.

ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެ އެވެ. ފުރަތަމަ ހާފުގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ސިޓީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ އިރު، ރެއާލަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ރެއާލުގެ ކުޅުމަށް ބަދަލުތަކެއް ގެނެސް، ރަނގަޅު ކުޅުމެއް ދައްކައި، ނުރައްކާތެރި ހަމަލާތަކެއް ސިޓީގެ ގޯލަށް އުފެއްދި ތަން ފެނިގެންދިޔަ އެވެ. ނަމަވެސް ސިޓީގެ ގޯލްކީޕަރު ޖޯ ހާޓް ވަނީ ރެއާލްގެ ނުރައްކާތެރި ހަމަލާތައް މަތަކޮށްފަ އެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ރެއާލްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރެއާލްއަށް ލިބުނު ކޯނަރަކުން ޖެސޭ ރޮޑްރިގޭޒް ނަގައިދިން ކޯނަރަކުން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު ހާޓްގެ އަތަށެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ރެއާލްއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑެނިއެލް ކާވޭހަލް ނަގައިދިން ހުރަހަކުން ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޖެސޭ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޭޕީ

މެޗުގެ 80 ވަނަ މިނެޓުގައި ރެއާލްއަށް ލިބުނު ކޯނަރަކުން ޓޯނީ ކްރޫސް ނަގައިދިން ހުރަހަކުން ކާވޭހަލް ބޮލުން އުފެއްދި ހަމަލާ ހާޓް ވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މެޗު ނިމެނިކޮށް ކައުންޓޭ އެޓޭކެއްގައި ސިޓީގެ ރަހީމް ސްޓާލިންގްއަށް ލިބުނު ހުސް ފުރުސަތުން ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް، އޭނާ އަތުން ރެއާލްގެ ޕޯޗުގަލް ޑިފެންޑަރު ޕެޕޭ ވަނީ ބޯޅަ ހޯދައިފަ އެވެ.

ރެއާލްގެ ދަނޑުގައި މި ދެޓީމު ބައްދަލުކުރާ ސެމީގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ޗެމްޕިއަންސް ލީގުގެ ސެމީގައި މިރޭ ބައްދަލުކުރާނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކް އެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅޭ އެ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 11:45 ގައެވެ.