ސޯލް (އެޕްރީލް 27) : އުތުރުކޮރެޔާގެ ސިފައިންގެ ލަޝްކަރުތަކުގައި ގިނަ އަދަދެއްގެ އަންހެނުން އުޅޭއިރު ފިރިހެން ސިފައިންގެ ފަރާތުން އެ މީހުނަށް ލިބެމުންދާ ޖިންސީ ގޯނާތަކަށް ސިފައިންގެ މުއައްސަސާއިން އެއްވެސް ވަރަކަށް އަޅާ ނުލާކަމަށް ކޮރެޔާގެ އަންހެނުންގެ ޖަމްއިއްޔާ އިން ބުނެފިއެވެ.

އުތުރުކޮރެޔާ ސިފައިންގެ ތެރޭގައި ޚިދްމަތް ކުރުމަށްފަހު އެކިސަބަބުތަކާ ގުޅިގެން ފިލައިގެން އަވަށްޓެރި ދެކުނު ކޮރެޔާއަށް ހިޖްކޮށްގެން އުޅޭ އުތުރުކޮރެޔާގެ އަންހެނުން އުފައްދާފައިވާ އެ ޖަމްއިޢްޔާއިން ބުނި ގޮތުގައި އުތުރުކޮރެޔާގެ ލަޝްކަރުތަކުގައި ޚިދްމަތްކުރާ އަންހެނުންނަކީ ވަރަށް ގިނައިން ރޭޕްކުރުމުގެ ޖަރީމާއާ ކުރިމަތިލާންޖެހޭ ބައެއް ކަމާށާއި ޖިންސީ ގޯނާކުރުމަކީ އުތުރުކޮރެޔާ ސިފައިންގެ މުއައްސަސާގައި އެހެން ގައުމުތަކަށްވުރެ ވެސް ބޮޑަށް ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެ އެވެ. މިއީ އުތުރުކޮރެޔާގައި ވެސް ގާނޫނީ ގޮތުން މަނާ ކަމެކެވެ. ނަމަވެސް މިކަން ހުއްޓުވުމަށް ސިފައިންގެ މުއައްސަސާގެ އިސްފަރާތްތަކުން މަސައްކަތް ނުކުރާކަމާ އަދި ރޭޕްކުރެވޭ އަންހެނުން ޝަކުވާ ހުށަހަޅައިފިނަމަ އަބަދު ލިބެނީވެސް ޚުދު އެ އަންހެންމީހާއަށް ކަމަށް ކޮރެޔާގެ އަންހެނުންގެ ޖަމިއްޔާގެ އިސް ވެރިއެއްކަމަށްވާ ސުވީ ސޫ ހިޔާން ބުނެއެވެ.

އުތުރުކޮރެޔާގެ އަންހެން ސިފައިންގެ ތެރޭގައި ދެތިންފަހަރު ރޭޕްނުކުރާ އަންހެނަކު ނުހުންނާނެ ކަމަށާއި އަންހެން ސިފައިންނަކީ ފިރިހެން ސިފައިން އަމިއްލަ އަނބިންގެ ގޮތުގައި ގެންގުޅޭ ބައެއް ކަމަށާއި ބައެއް އަންހެން ސިފައިން ކޮންމެ ދުވަހަކު ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހޭކަމަށް ސުވީ ބުނެއެވެ. އެހެންކަމުން އުތުރުކޮރެޔާގެ އަންހެން ސިފައިން އަސްކަރީ ޚިދްމަތުގައި އުޅެނީ ރޭޕްކުރުމުގެ އަނިޔާއަށް ކެތްކޮށްގެންކަން ސުވީ ހާމަކުރިއެވެ.

ސުވީ އަކީ އުތުރުކޮރެޔާގެ ސިފައިންގެ ތެރޭގައި އުޅެނިކޮށް ރޭޕްކުރުމުގެ ޝިކާރައަކަށްވެގެން އެކަމުގެ ޝަކުވާ ކުރުމުން ސިފައިންގެ ތެރެއިން ވަކިކޮށްފައިވާ ޒުވާން އަންހެނެކެވެ. އޭނާ ފިލައިގެންގޮސް މިޙާރު ދިރިއުޅެނީ އަވަށްޓެރި ދެކުނު ކޮރެޔާގައެވެ. ދެކޮރެޔާގެ ރައްޔިތުންނަކީ އެއްދަރިކޮޅެއްގެ އެއްނަސްލެއްގެ އަދި އެއްބަހަކާއި އެއްސަގާފަތަކާއި އެއްތާރީޚެއްގެ ބައެކެވެ. ކުރިން އެއްގައުމުގެ ގޮތުގައިއޮތް ކޮރެޔާ ދެބައިވެ އުތުރު ކޮރެޔާއަކާއި ދެކުނު ކޮރެޔާއެއް އުފެދުނީ ދެވަނަ ބޮޑުހަނގުރާމަ ނިމުމާއެކުގަ އެވެ.

އުތުރުކޮރެޔާގެ ހަތިޔާރުއެޅި ލަޝްކަރުތަކަކީ ދުނިޔޭގެ އެންމެ ބާރުގަދަ ލަޝްކަރުތަކުގެ ތެރޭގައި ހިމެނޭ ބިޔަ ލަޝްކަރެކެވެ. އުތުރު ކޮރެޔާއަކީ ޖުމްހޫރީ ވިރާސީ ވެރިކަމެއް ކުރަމުން ގެންދިޔަ ނަމަވެސް ރަސްކަމުގެ ނިޒާމަކާ އެއްގޮތަށް ވެރިކަމުގެ ކަންތައްއޮންނަ އަދި ބައިނަލްއަގްވާމީ މުޖްތަމައާ ވަރަށް އެކަހެރި ގައުމެކެވެ. އަދި އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމަކީ ވެސް ރައްޔިތުންގެ މަދަނީ ހައްގުތަކަށް އަޅާލުމަށްވުރެ ބޮޑަށް ވެރިކަން ކުރާ އާއިލާއަށާއި ދައުލަތުގެ ބޮޑުންގެ ހައްގުތަކާއި އެ މީހުންގެ އުފަލާއި ހިތްހަމަޖެހުމާއި ތަނަވަސް ކަމަށް އިސްކަންދޭ ނިޒާމެކެވެ. (އާރުޓީ)