26 Apr 2016, 23:05
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އެކްޓިން ޗާންސެލާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ އެކަޑަމީގެ އެކްޓިން ޗާންސެލާގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޏ. ފުވައްމުލަކު، މުރަކަ، ދަޑިމަގު، އަލްއުސްތާޒު އަހުމަދު މާޖިދު ކަމަށެވެ.
އަހުމަދު މާޖިދު އެ މަގާމަށް އައްޔަންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހިންގުމާބެހޭ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ ދަށުން މިއަދު ކަމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓުން ބުނެ އެވެ.
އެ ޑިމާޓްމެންޓުން ނެރެފައިވާ ނޫސްބަޔާނުގައި ބުނާގޮތުން އަހުމަދު މާޖިދަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަނުން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާއިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.
ހަމައެއާއެކު މާޖިދަކީ، ދިވެހިރާއްޖޭގެ ހައިކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވަޒީފާތަކުގައި، ޝަރުއީ ދާއިރާއަށް ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓުން ބުނެ އެވެ.
ހަމައެހެންމެ، މާޖިދަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ޝަރީއަތާއި ގާނޫނުގެ ޑިގުރީ އަދި ޑިޕްލޮމާ ޕްރޮގުރާމްތަކުގައި ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި ފަނޑިޔާރުންގެ އިންޑަކްޝަން ޕްރޮގުރާމްތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގުނު ގިނަ ޕްރޮގުރާމްތަކެއްގައިވެސް މާޖިދަކީ އިރުޝާދު ދެއްވާފައިވާ ބޭފުޅެއް ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓުން ބުނެ އެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އެކްޓިންގް ޗާންސެލާގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން، އަހުމަދު މާޖިދު ހުންނެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑެޕިއުޓީ ލީގަލް އޮފިސަރުގެ މަގާމުގަ އެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް "ކޮންޓިނުއިންގް ޖުޑީޝަލް އެޑިޔުކޭޝަން" ގެ ޕްރޮގްރާމްތައް އެކުލަވައިލައި ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފައްދަވައިފައި ވާ މުއައްސަސާއެކެވެ.
އެ މުއައްސަސާ އުފައްދަވައިފައި ވަނީ 31 އޯގަސްޓް 2015 ގައެވެ.