އޭއެފްސީ ކަޕްގައި ސިންގަޕޫރުގެ ބެލެސްޓިއާ ޚަލްސާ އަތުން 3-0ގެ ނަތީޖާއަކުން ބަލިވެ އެ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ނިއުއަށް މުޅިން ގެއްލިއްޖެ އެވެ.

މިއަދުގެ މެޗަށް ނިކުތްއިރު ވެސް އަމިއްލަ ބާރު ކެނޑިފައިވާ ނިއު އޮތީ ކުޅުނު ފަސް މެޗުން ދެ ޕޮއިންްޓް ލިބިގެން އެ ޓީމު ހިމެނޭ ގުރޫޕް އެފްގެ ފުލުގައެވެ. ނިއު އަތުން ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ ހަތް ޕޮއިންޓް ލިބިގެން ބެލެސްޓިއާ އޮތީ ތިން ވަނައިގައެވެ. އެ ގްރޫޕުގެ އެއް ވަނައިގައި ކިޗީ 10 ޕޮއިންޓާއެކު އޮތްއިރު އެ ޓީމު ވަނީ މިއަދު ކަޔާ އެފްސީގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ކަޔާ އެފްސީއަށް ލިބެނީ ނުވަ ޕޮއިންޓެވެ.

ސިންގަޕޫރުގެ ޖަލަން ބަސާ ސްޓޭޑިއަމްގައި މިއަދު ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ބެލެސްޓިއާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ކުރީ ކޮޅުގައި އެ ޓީމަށް ވަނީ ލީޑުނަގާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން ބެލެސްޓިއާގެ މުހައްމަދު ސާފިގް ހިފައިގެން ދިޔަ ބޯޅަ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލްކީޕަރު އަހުމަދު ފައިރޫޒް ކުރިއަށް އެރުމުން ބޯމަތިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ސިންގަޕޫރުގައި އެ ގައުމުގެ ބެލެސްޓިއާ އެފްސީއާ ދެކޮޅަށް މިއަދު ނިއު ނުކުތުމުގެ ކުރިން ---

އެ ހަމަލާއަށް ފަހު ވެސް ބެލެސްޓިއާއިން ވަނީ އިތުރު ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 22 ވަނަ މިނެޓްގައި ނިއުގެ ޕެނަލްޓީ އޭރިޔާ ކުރިމަތީ ހުރެ ބެލެސްޓިއާގެ ކުޅުންތެރިޔަކު ފޮނުވާލި ބާރު ހަމަލާއެއް ނިއުގެ ގޯލުގެ ދަނޑީގައި ޖެހި ނުކުތުމުން ކައިރީގައި ހުރި ޒުލްކިފްލީ ވަނީ ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން ލީޑު ނަގައިފަ އެވެ.

ބެލެސްޓާއަށް ޒުލްކިފްލީ ލީޑު ނަގައިދިންތާ ދިހަ މިނެޓު ފަހުން އޭނާގެ އެހީތެރިކަމާއެކު އެ ޓީމުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. ޒުލްކިފްލީ ނިއުގެ ޕެނަލްޓީ އޭރިޔާ ކަނުގައި ހުރެ ޖައްސާލި ބޯޅަ ޖަމީލް އަލީ ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާގެ މެދުރޮނގު މަތީ ހުރެ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުއިން ވެސް ވަނީ ބެލެސްޓިއާގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފައްދައިފަ އެވެ. އެގޮތުން ނިއުގެ އުންމީދީ ފޯވާޑް ހަމްޒާ މުހުއްމަދު ބެލެސްޓިއާގެ ޕެންލްޓީ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ ކީޕަރު ޒައިފުލް ނިޒާމް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ނިއުއިން ރަނގަޅަށް ކުޅުނުއިރު އެ ޓީމުގެ ރިލްވާން ވަހީދު ވަނީ ބެލެސްޓިއާގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ އެ ޓީމުގެ ގޯލަށް ބާރު ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ބޯޅަ ވެސް ޒައިފުލް ނިޒާމް ވަނީ ޑައިވްކޮށް އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

ސިންގަޕޫރުގައި އެ ގައުމުގެ ބެލެސްޓިއާ އެފްސީއާ ދެކޮޅަށް މިއަދު ނިއު ނުކުތުމުގެ ކުރިން ---

ނިއުއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ 61 ވަނަ މިނެޓްގައި ބެލެސްޓިއާއިން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު އިތުރަށް ފުޅާކުރުމެވެ. ބެލެސްޓިއާގެ ހާފުތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ ނިއުގެ ޕެނަލްޓީ އޭރިޔާ ކުރިމަތިން އެ ޓީމުގެ އަބްދުﷲ ހަނީފްގެ ފައިގަ ޖެހި އައި ބޯޅަ ބެލެސްޓިއާގެ މުހައްމަދު ފާދިލް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އެ މުބާރާތުގައި ނިއު ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މިއަދު ބަލިވިއިރު، މިއަދުގެ މެޗަށް އެ ޓީމު ނުކުތީ ސަސްޕެންޝަނުގެ ސަބަބުން އެއް ވަނަ ގޯލުކީޕަރު އަބޫ ސުލޭމާނީ ނުލަ އެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހު މެޗުގައި އަންނަ މަހުގެ ދިހަ ވަނަ ދުވަހު މާލޭގައި ނިއު ނުކުންނާނީ ކަޔާ އެފްސީއާ ދެކޮޅަށެވެ.