މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުގެ ތެރޭގައި ހިމެނޭ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން މިއަހަރު ހަތަރު ދާއިރާއަކުން އިނާމު ދިނުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމައިފި އެވެ.

އެގޮތުން ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކޮށްގެން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން އިނާމު ދިނުމަށް ހަމަޖެހިފައިވާ ހަތަރު ދާއިރާ ތަކަކީ:

  1. ފުރާވަރުގެ ޢުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް.މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.

  2. ކުޑަކުދިންނަށް ދިވެހިބަހުން (ނާވިލު) ލިޔުމުގެ މުބާރާތް.އެ މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، ދިވެހިބަހުގެ އެކެޑަމީންނެވެ.
  3. ނާށި ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތް.މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.
  4. ދިވެހިރާއްޖޭގެ ތާރީޚީ ޙާދިޘާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ޙާދިޘާއެއް އަޞްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކްލޯރއެއްގެ މައްޗަށް ބިނާކޮށް އަޞްލު ނުގެއްލޭގޮތަށް، ވިޜުއަލް އާޓްސް އަދި ޕާފޯމިންގު އާޓްސް ބޭނުންކޮށްގެން ބާއްވާ މުބާރާތް.މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިންނެވެ.

ރައީސް އޮފީހުން ބުނީ، އެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައި އެކަމުގެ ތަފްސީލުތައް ކަމާބެހޭ އިދާރާތަކުން މިހާރު އިއުލާނު ކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު، އެ މުބާރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް، ކަމާބެހޭ މުއައްސަސާއަކުން ހުށަހަޅާނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުގައި ހިމެނޭ އެހެން ދާއިރާތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު، ހާއްސަ އިނާމާބެހޭ ކޮމިޓީން މި އަހަރުގެ ޖޫންމަހުގެ ފަހު ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.