އިނގިރޭސި ވިލާތުގައި ފުރަތަމަ ފަހަރަށް އެއް ގަހެއްގައި އަލުވި ފައިބާ ޓޮމާޓޯ އަޅައި ގަހެއް ވިއްކަން ފަށައިފި އެވެ.

ބަގީޗާ ހައްދަން ކުޑަ ތަންކޮޅެއް ލިބިފައިވާ އަދި ފެލްޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް އަމާޒުކޮށްގެން އުފެއްދި އެ ހައިބްރިޑް ގަހަށް ދީފައިވާ ނަމަކީ "ކެޗަޕް އެންޑް ޗިޕްސް ޓްރީ" ނުވަތަ "ޓޮމްޓާޓޯ" އެވެ.

އިނގިރޭސިވިލާތުގެ ދެކުނުއިރުމަތީގައި އޮންނަ އިޕްސުވިޝް ޓައުނުގެ ގަސް އުފައްދާ ފާމެއް ކަމަށްވާ ތޮމްސަން އެންޑް މޯގަން އިން އެއް ޕޮޓެއްގައި އިންދައިގެން ޓޮމާޓޯ އަޅައި އަލުވި ފައިބާ ގަހެއް އުފައްދަން ފަށާފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.

މީޓަރަކަށް ބޮޑުވާ އެ ގަސް އުފައްދާ ކުރި ފަޅުވާފައި ވަނީ ނެދަލޭންޑްސްގަ އެވެ. އެ ގަސް އުފެއްދުމަށް ޓޮމާޓޯ ގަހަކާއި އަލުވި ގަހުގެ މައި ގަސް ވަކި ހިސާބަކުން ކަނޑާލުމަށްފަހު ގުޅުވާފައި ހަފްތާއެއް ވަންދެން ބަހައްޓައެވެ. އަދި ހަފްތާއަކަށްފަހު ދެ ގަސް އެކަތިގަނޑަކަށްވެ އެވެ.

ގަސް އުފައްދާ ކުންފުނިން ބުނިގޮތުގައި، ޓޮމްޓާޓޯ ގަސް ގޭތެރޭގަ އާއި ގެއިން ބޭރުގައި ވެސް ހެއްދޭނެ އެވެ. އަދި ގަހުން ތަރުކާރީ ލިބޭނި ޖުލައި މަހާއި އޮކްޓޯބަރު މަހާ ދެމެދު ކަމަށާއި އެ މޫސުމުގައި ގާތްނގަޑަކަށް 500 ޓޮމާޓޯ އަޅައި އަލުވި ފައިބާނެ އެވެ.

އަލުވި ފައިބާ ޓޮމާޓޯ އަޅާ ގަހެއް ތައާރަފްކޮށްފައިވާއިރު، މިދިއަ އަހަރު ބަށި އަޅައި އަލުވި ފައިބާ ގަހެއް ވަނީ ތައާރަފްކޮށްފަ އެވެ.