ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯ އާއި ދިވެހި އެކްސްޕޯ ސާވިސަސް ގުޅިގެން ބަދިގޭ ސާމާނާއި އެހެނިހެން ސާމާނުތައް ލިބޭ އެކްސްޕޯ، "އެސްޓީއޯ ހެޕީ ރަމަޒާން 2016" މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެ ފެއާ ފަށާފައި ވަނީ ދަރުބާރުގޭގަ އެވެ. މިއަދު ފެށި ފެއާ ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު އެވެ.

އިސްލާމިކް މިނިސްޓަރު "އެސްޓީއޯ ހެޕީ ރަމަޒާން 2016" އެކްސްޕޯ ހުޅުވައިދެއްވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްލަ 45 ސްޓޯލް ހިމެނޭ އެ ފެއާއާ ގުޅޭ މައުލޫމާތު ދެއްވަމުން ދިވެހި އެކްސްޕޯ ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަޖުމަލް ވިދާޅުވީ، ރޯދަ މަހާ ދިމާކޮށް ގޭތެރެ ޒީނަތްތެރިކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ގިނަ ފަރާތްތަކަކުން ކުރަމުން އަންނަ އިރު ގިނަ ވަޔަފާރިތަކަކުން ދަނީ ސޭލުތައް އަޅުވަމުން ކަމަށެވެ.

އަޖުމަލް ވިދާޅުވީ، އެ ފެއާގެ ބޭނުމަކީ ގިނަ ސޭލުތައް އަޅުވާ ވިޔަފާރިތަކުން އެ ބޭފުޅުންގެ ހިދުމަތްތައް ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ދައްކައިދިނުން ކަމަށެވެ.

ދަރުބާރުގޭގައި ކުރިއަށްދާ "އެސްޓީއޯ ހެޕީ ރަމަޒާން 2016" އެކްސްޕޯގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މީގެ ސަބަބުން މުދާތައް ބަލައިލައި، އަގުތައް ކޮމްޕެއާކޮށްލައި އަދި އޭގެ އިތުރުން އަލަށް ތައާރަފްކުރާ ޕްރޮޑަކްޓް އަދި ސާވިސަސް ބަލައި ހަދައިލެވޭނެ،" އަޖުމަލް ވިދާޅުވި އެވެ.

އަޖުމަލް ވިދާޅުވީ، އެ ފެއާއަށް ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ނަމަވެސް ދަރުބާރުގެއިން ލިބުނު ޖާގައިން އެ ހުރިހާ ވިޔަފާރިތަކަށް ފުރުސަތު ނުލިބުނު ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ފުޅާކޮށް އެފަދަ ފެއާތައް ބާއްވާނެކަމަށް އަޖުމަލް ވިދާޅުވި އެވެ.

މިއަދު ފެށި ފެއާގައި އެސްޓީއޯ، ރީފްސައިޑް، އެލިއާ އިންވެސްޓްމެންޓް ފަދަ ފަރާތްތަކުން އަންނަނީ އެ ފަރާތްތަކުން ލިބެންހުރި މުދާތަކުގެ ތަފްސީލް ދެމުންނެވެ. އެގޮތުން ބަދިގޭ ސާމާނާއި، ޓީވީ އަދި ސައިކަލު ފަދަ ތަކެތީގެ ހެޔޮ އަގުތައް ދަނީ ފެއާގައި ދައްކަމުންނެވެ.

ދަރުބާރުގޭގައި ކުރިއަށްދާ "އެސްޓީއޯ ހެޕީ ރަމަޒާން 2016" އެކްސްޕޯގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން އެލިއާ އިންވެސްޓްމަންޓުން ދޫކުރާ ޔަމަހާ ސައިކަލުތައް އިންސްޓޯލްމަންޓަށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ އަގުތަކުގެ ތަފްސީލް އަދި ސައިކަލު ގަތުމުގެ ފުރުސަތު އެކްސްޕޯގެ ތެރެއިން ފަހިވެފައިވާކަން ފާހަގަކޮށްލެވެ އެވެ.