ވޯލްޑް ސްޕޯޓްސް އެކަޑަމީގައި ތަމްރީން ހަދަމުން އަންނަ ދިވެހި ޒުވާން ކުޅުންތެރިޔާ، މިރާޝް އިމްތިޔާޒަށް އިނގިރޭސީ ޕްރިމިއާ ލީގުގައި ވާދަކުރާ ކުރިސްޓަލް ޕެލަސްގެ ޒުވާން ޓީމުގެ ޓްރައިލް އިން ފުރުސަތު ލިބިއްޖެ އެވެ.

އެ އެކަޑަމީގެ ރަސްމީ ސައިޓްގައި މިރާޝްއާ ގުޅޭ ގޮތުން ބުނެފައި ވަނީ އެ އެކަޑަމީގެ ދަރިވަރެއްގެ ހައިސިއްޔަތުންނާއި އެކަޑަމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިއެއްގެ ގޮތުން ވޭތުވެދިޔަ ތިން އަހަރުތެރޭގައި އޭނާގެ ފަރާތުން ފެނިފައި ވަނީ ތަފާތު ހުނަރުވެރި މޮޅު ކުޅުމެއް ކަމަށާއި އެކަޑަމީން އޭނާ އެހެން ޓީމަކަށް ކުޅުމުގެ ހުއްދަ ވެސް ދީފައިވާ ކަމަށެވެ.

މިރާޝް ބާސާ އެކަޑަމީގައި 2014 ވަނަ އަހަރު ހެދި ތަމްރީން ތަކުގެ ތެރެއިން ---

"ވޭތުވެ ދިޔަ ތިން އަހަަރު މި އެކަޑަމީގައި ތަމްރީންތައް ފުރިހަމަކޮށް އޭނާ މިހާރު އެ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ފައްކާވެފައި. ނަތީޖާއެއްގެ ގޮތުން މިއަދު އޭނާ އަށް އެ ވަނީ ލަންޑަންގެ މަސްހޫރު ކުލަބަކުން ޝައުގުވެރިކަން ފާޅުކޮށްފައި،" އެ އާޓިކަލްގައި ވެއެވެ.

އެގޮތުން ކުރިސްޓަލް ޕެލަސްގެ 17 އަހަރުން ދަށުގެ ޓީމުގެ ޓްރައިލްގައި ބައިވެރިވަމުން އަންނަ މިރާޝް އެ ޓީމަށް ނަގައިފިނަމަ އަންނަ ސީޒަނުގައި އޭނާ ފެނިގެންދާނީ އެ ޓީމުންނެވެ.

ވޯލްޑް ސްޕޯޓްސްގެ އެކަޑަމީގެ ސޮކާ ސްޓޭޖްގައި ތިން ވަނަ ސީޒަން ފުރިހަމަ ކުރަމުން އަންނަ އުމުރުން 16 އަހަރުގެ މިރާޝް ވަނީ އެ ޓީމުގެ 16 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ. އަދި މިހާރު އޭނާ ކުޅުމުން އަންނަނީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި އެ އެކަޑަމީގެ 19 އަހަރުންދަށުގެ ޓީމަށާއި ސްޕެއިންގެ "ބީ" ޑިވިޝަންގައި ކުޅެމުން އަންނަ ޔޫއީ ކޮނެއާ އަށެވެ.

ވޯލްޑް ސްޕޯޓްސް އެކަޑަމީގައި ހަދަމުން އަންނަ ތަމްރީން ތަކާ ގުޅޭ ގޮތުން މިރާޝް ބުނީ އެ އެކަޑަމީގައި އޭނާ ތަމްރީންތަށް ފުރިހަމަ ކުރަމުން ދަނީ ހިތްހަމަޖެހިގެން ކަމަށާއި އެ ތަނުގެ ސަބަބުން ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފި ކަމަށެވެ.

"ފުރުސަތުތަކުގެ އިތުރުން ވަރަށް އެކި ސަގާފަތުގެ ތަފާތު މީހުންނާ ވެސް ބައްދަލުވެއްޖެ. ކޮނެއާ އަށް ކުޅެން ލިބުމަކީ ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް. އެ ޓީމުގައި ކުޅެމުންދާ އިރު ބާސެލޯނާ އާއި އެސްޕަނިއޯލް ފަދަ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅެން ލިބުމަކީ ވެސް ލިބޭ ރަނގަޅު ފުރުސަތުތަކެއް،" މިރާޝް ބުންޏެވެ.

ބާސާގެ އެކަޑަމީގެ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު މިރާޝް(ކަނާއަތް ފަރާތުން ތިރީގައި) ފޮޓޯއަކަށް ހުއްޓިލައިގެން ---

މިރާޝް އެންމެ ފުރަތަމަ ފާހަގަ ވެގެންދިޔައީ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލް ޓީމުންނެވެ. އޭނާ ވަނީ ސިންގަޕޫރުގައި ހުންނަން މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީގައި ވެސް ތަމްރީންތަކެއް ފުރިހަމަކޮށް ކާމިޔާބީތަކެއް ހޯދައިފައެވެ.

އޭގެ ފަހުން މިރާޝް ދިވެހިންގެ ލޮލުގައި އަޅައިގަތީ މީގެ ދެ އަހަރު ކުރިން 2014 ވަނަ އަހަރު ތެރޭގައި ސްޕޭންގެ ބާސެލޯނާގައި ހުންނަ ކެޕްޓިވާ ސްޕޯޓްސް އެކަޑަމީގައި 10 މަސް ދުވަހުގެ ޓްރޭނިންއެއް ފުރިހަމަ ކުރަމުން ދަނިކޮށެވެ. އެ ކޭންޕުން އޭނާ ވަނީ ކޮންމެ މަހަކު ހޮވާ މޮޅުކުޅުންތެރިއާގެ އެވޯޑް އެއް މަހުގައި ހޯދާފަ އެވެ.