26 Apr 2016, 16:08
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރަކީ ތަފާތު ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދީފައިވާ ކަމަށް އެ ކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މާދަމާ މޯހަން ބަގާންއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ، ގިނަ ދުވަސްތަކެއްގައި އަނިޔާގައި ހުރުމަށްފަހު، އަލުން އެނބުރި ކުޅުމަށް އައިސް ކުޅުނު ދެ މެޗުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް އުމައިރުއަކީ ތަފާތު ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދިން ކަމަށެވެ.
"ގާތްގަނޑަކަށް ދެ މެޗު ނިންމާލުމުގައި އެންމެ އިސްދައުރެއް އަދާކޮށްގެން އޭނާ ކުޅުނީ. އެއަށްބަލާއިރު، އޭނާގެ ހުނަރާ ޝައްކެއް ކުރުމުގެ ފުރުސަތެއް ނެތް. އޭނާގެ އަނިޔާ ރަނގަޅުވެއްޖެއްޔާ އޭނާގެ ފައިދާ މާޒިޔާއަށް ކުރާނެކަން އެނގޭ. ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އެކަން އޭނާ ދައްކުވައިދީފި. ޗެރިޓީ ޝީލްޑާއި ލީގުގައި ކުޅުނު މެޗުގައި،" އޭނާ ބުންޏެވެ.
ސުޒޭން ބުނީ، އޭއެފްސީ ކަޕްގައި މާދަމާ އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ނުންނައިރު ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު މޮޅަކީ ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމަށާއި އެ މެޗުގައި ނިއު ރޭޑިއަންޓުން މާޒިޔާއަށް ބޮޑު ޗެލެންޖަކާ ކުރިމަތިކުރުވި ކަމަށެވެ.
މާދަމާ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލިޔަސް، މޯހަން ބަގާންއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. ގްރޫޕްގެ ދެވަނައިގައި އޮތް ޔަންގޮން އާއި، ތިން ވަނައިގައި އޮތް މާޒިޔާ އަދި ފުލުގައި އޮތް ސައުތު ޗައިނާއަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ.
ގްރޫޕް ޖީގައި މާޒިޔާ އާއި މޯހަން ބަގާން ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 4:00 ގައެވެ. އެ މެޗު ކުޅޭނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އިންޑިއާގައި މި ދެޓީމު ބައްދަލުކުރި މެޗު 5-2 ލަނޑުން ކާމިޔާބުކުރީ މޯހަން ބަގާން އެވެ.