އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް މާދަމާ ކުޅޭ މެޗަކީ އޭއެފްސީ ކަޕުގައި މާޒިޔާ ކުރިއަށް ދިއުން ބިނާވާ މެޗު ކަމަށާއި މޯހަން ބަގާން އަތުން މޮޅުވުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ "ރަނގަޅު މޮޅެއް" ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޖީގެ އެއްވަނާގައި މިވަގުތު އޮތީ މާދަމާ މާޒިޔާއާ ދެކޮޅަށް ނުކުންނަ އިންޑިއާގެ މޯހަން ބަގާން އެވެ. އެ ޓީމުން ވަނީ ހަތަރު މެޗުން ދިހަ ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނާގައި އޮތް މިޔަންމާގެ ޔަންގޮން އެފްސީއަށް ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތިން ވަނާގައި އޮތީ މާޒިޔާ އެވެ. ގްރޫޕްގެ ފުލުގައި އޮތް ހޮންކޮންގެ ސައުތު ޗައިނާއަށް ހަތަރު މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

އޭއެފްސީ ކަޕްގައި މާދަމާ މޯހަން ބަގާންއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ، މާޒިޔާއަށް މިވަގުތު މުހިންމީ އިދިކޮޅުން ނުކުންނަނީ ކޮން ގައުމެއްގެ ޓީމެއްތޯ ބެލުން ނޫން ކަމަށާއި މުހިންމީ ތިން ޕޮއިންޓް ކަމަށެވެ.

"މިވަގުތު މާޒިޔާއަކަށް މުހިންމެއް ނޫން އަނެއްކޮޅުގައި އޮތީ ކޮން ޓީމެއްތޯ. ކޮބައިތޯ އެ މީހުން އައި ތަނަކީ. މާޒިޔާއަށް ތިން ޕޮއިންޓް ވަރަށް މުހިންމު. އެއީ މާޒިޔާ ކުރިއަށް ދިއުމާއި ނުދިއުން ބިނާވެފައި އޮތީ މި މެޗަށް ކަމަށް ވާތީ. އިންޑިއާ ޓީމެއް އަތުން މޮޅުވުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށް ބޮޑު އެޑްވާންޓޭޖެއް. ރާއްޖޭގެ ފުޓްބޯޅައަށް ވެސް ވަރަށް ރަނގަޅު މޮޅަކަށް ވާނީ،" އޭނާ ބުންޏެވެ.

މާޒިޔާގެ ކޯޗު އަލީ ސުޒޭން: ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މާދަމާގެ މެޗުން ތިން ޕޮއިންޓް ވަރަށް މުހިންމު ކަމަށް ބުނި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޒޭން ބުނީ، މާދަމާގެ މެޗަކީ މާޒިޔާއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި މާޒިޔާއަށް ދެވަނަ ބުރުގެ ފުރުސަތު ހުޅުވިގެން ދާނީ އެ މެޗުން މޮޅުވެގެން ކަމަށެވެ. އަދި މެޗަށް ނުކުންނައިރު، މާޒިޔާ ދެ އެޑްވާންޓޭއްޖެއް އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނަށް ސީޒަނުގައި އެއްވެސް މެޗެއް ނުކުޅެ ސީޒަނުގައި މޯހަން ބަގާންއާ ދެކޮޅަށް އަވޭ މެޗެއްގައި ނުކުތީ. މިހާރު ދެތިން ހަތަރު މެޗެއް ކުޅެލާފައި ސީޒަންގައި ލޯކަލް ދެ މެޗެއް ވެސް ކުލެލާފައި މި ނުކުންނަނީ. އެހެންވީމަ އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. އަނެއްކާ އަޅުގަނޑުމެންގެ އަމިއްލަ ދަނޑުގައި ކުޅުމަކީ ވެސް ވަރަށް ބޮޑު އެޑްވާންޓޭޖެއް. އެ ހުރިހާ ކަމަކަށް ބަލާފައި ތަފާތު ނަތީޖާއެއް ނެރެވިދާނެ،" އޭނާ ބުންޏެވެ.

މާދަމާ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލިޔަސް، މޯހަން ބަގާންއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. ގްރޫޕްގެ ދެވަނާގައި އޮތް ޔަންގޮން އާއި، ތިން ވަނާގައި އޮތް މާޒިޔާ އަދި ފުލުގައި އޮތް ސައުތު ޗައިނާއަށް ވެސް އަދި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ގްރޫޕް ޖީގައި މާޒިޔާ އާއި މޯހަން ބަގާން ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 4:00 ގައެވެ. އެ މެޗު ކުޅޭނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އިންޑިއާގައި މި ދެޓީމު ބައްދަލުކުރި މެޗު 5-2 ލަނޑުން ކާމިޔާބުކުރީ މޯހަން ބަގާން އެވެ.