26 Apr 2016, 16:31
ކޫއްޑޫގެ މަސްކިރާ ބޯޓެއް ދިޔަވަމުންދާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކަރާތްތެރިވާން ފަށައިފި އެވެ.
ދިޔަވަމުން ދަނީ ''ރަންދި 24'' އެވެ. ހާދިސާ ހިނގި އިރު ބޯޓުގައި ފަސް ދިވެހިންނާއި ދެ ބިދޭސީން ދަތުރު ކުރަމުންދިޔައެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ބޯޓު ދިޔަވާން ފެށީ ފަލްކާ ފަޅައިގެން ދިއުމުންނެވެ. ހާދިސާގައި، "ރަންދި "24 ބޯޓުގެ އިންޖީނު ރޫމް ކުރީ ފަލްކާއިން ކައިވަތެއްހާތަން ފަޅައިގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
ހާދިސާ ހިނގިއިރު ބޯޓު އޮތީ ގދ. ފިޔޯރީއާ 24 ނޯޓިކަލް މޭލު ބޭރުގަ އެވެ.
އެމްއެންޑީއެފް އިން ބުނީ ހާދިސާގެ މައުލޫމާތު ލިބުނީ ހެނދުނު 10:00 ހާއިރު ކަމަށާއި، އެއާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބާ ކްރާފްޓް 109 ލޯންޗު ޕަންޕުތަކާއެކު އެ ބޯޓު ކައިރިއަށް ގޮސް ދިޔަގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.
އަދި ދިޔަވަމުންދާ ބޯޓަށް އެހީވުމުގެ ގޮތުން "ރަންދި 23" އިން ވަނީ ޕަންޕެއްގެ އިތުރުން ފަލްކާއިން ފަޅައިގެންގޮސްފައިވާ ތަން މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހިފައިގެން އެ ސަރަހައްދަށް ގޮސްފަ އެވެ.
އެ ބޯޓު މިހާރު ދަތުރުކުރަމުންދަނީ ކޫއްޑޫއާ ދިމާއަށެވެ.