ބޮޓްރެކްޓް : ގިނައިން ކޮފީ ބުއިމާއި ޖިންސީ ގުޅުންތައް ހިންގުމުގައި ހައްދުފަހަނަޅައި ދިޔުމަކީ ސިކުނޑިއަށް ސްޓްރޯކް ޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭން ސަބަބެއްކަން ނެދަލޭންޑްސްގައި ކުރި އިލްމީ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ނެދަލޭންޑްސްގެ ބޮޓްރެކްޓްގައި ހުންނަ ޔުނިވާސީޓީ މެޑިކަލް ސެންޓަރުގެ ޑޮކްޓަރުންގެ ޓީމަކުން ކުރި އެދިރާސާގެ ނަތީޖާ ދައްކާގޮތުން ސިކުނޑީގެ ހިމަ ނާރުތައް ފަޅައިގެން ދިޔުމުގެ ސަބަބެއް ކަމަށްވާ "އެނިއުރިޒަމް" ބަލިޖެހޭ ކޮންމެ 10 މީހެއްގެ ތެރޭން އެކަކަށް މިބަލިޖެހެނީ ގިނައިން ކޮފީ ބުއިމުގެ ސަބަބުންނެވެ.

"އެނިއުރިޒަމް" އަކީ ސިކުނޑީގެ ހިމަނާރުތަކަށް ޕްރެޝަރ ބޮޑުވެގެން އެނާރުތައް އެކްސްޕެންޑްވެ ފުޅާވުމެވެ. ސްޓްރޯކް ޖެހެނީ ސިކުނޑީގެ ނާރުތައް އެކްސްޕެންޑްވެ ފުޅާވުމުގެ ސަބަބުން އެނާރުތައް ފަޅައިގެންގޮސް ސިކުނޑިއަށް ލޭއެޅިގެންނެވެ. ނަތީޖާއަކީ ސްޓްރޯކްޖެހޭ މީހާގެ އެއްފަޅި ނޫނީ މުޅިހަށިގަނޑު ވާވުން ނުވަތަ ޕެރަލައިޒް ވުމެވެ.

ސްޓްރޯކްޖެހޭ ވަރަށްގިނަ ހާލަތްތަކުގައި ސިކުނޑި އަށް ލިބޭ ކުއްލި ގެއްލުމުގެ ސަބަބުން މީހާ ވަގުތުން މަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ސިއްހީ މައްލޫމާތަށް ހާއްސަ މަޖައްލާއެއް ކަމަށްވާ "ސްޓްރޯކް" ގައި ޝާއިއުކޮށްފައިވާ އެދިރާސާ ބުނާގޮތުން ސިކުނޑީގެ ހިމަނާރުތައް ފަޅައިގެން ދިޔުން ނުވަތަ ސްޓްރޯކް ޖެހުމުގައި، މާގިނައިން ކޮފީ ބުއިމުގެ އިތުރުން ހައްދުފަހަނަޅާ މިންވަރަށް ޖިންސީ ގުޅުންތައް ހިންގުންވެސް މުހިއްމު ދައުރެއް އަދާކުރެ އެވެ.

މީގެމާނައަކީ ޖިންސީ ގުޅުން ހިންގުމާއި ކޮފީ ބުއިމަކީ ސްޓްރޯކް ޖެހޭ ސީދާ ސަބަބަކަށް ވުމެއްނޫނެވެ. މިދެކަންތައްވެސް ސިއްހީ ނުރައްކަލަކަށްވަނީ ހައްދުފަހަނަޅާ މިންވަރަށް މިކަންތައްތަކުގައި ދެވިހިފުމުން ކަމަށް އެދިރާސާ ބުނެ އެވެ.

އެ ދިރާސާގެ ނަތީޖާ ދައްކާގޮތުން މިދެކަންތަކުގައި ހައްދުފަހަނައަޅައި ދިޔުމަކީ ސްޓްރޯކް ޖެހުމުގެ ފުރްސަތު 23 އިންސައްތައަށް މައްޗަށް ހިނގައިދާނެ ކަމެކެވެ. ނަމަވެސް މިގޮތަށް ސްޓްރޯކް ޖެހުމުގެ ފުރްސަތު 23 އިންސައްތައަށް މައްޗަށްދާ ހާލަތްތަކުގައިވެސް ސްޓްރޯކް ޖެހޭނެކަން ކަށަވަރުވާ ނިސްބަތަކީ (މިފަދަ ހާލަތްތައް ކުރިމަތިވެފައިވާ މީހުންނަށް ސްޓްރޯކް ޖެހިފައިވާ ނިސްބަތަކީ) 2،7 އިންސައްތަ އެވެ.

ދިގުމުއްދަތެއް ހޭދަކޮށްގެން ކުރި އެ ދިރާސާގައި 250 މީހުން ބައިވެރިކޮށްފައިވެ އެވެ. (ބީ.ބީ.ސީ)