19:00


ލުބުނާނުގެ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲއާ ގުޅުން ހުރިކަމަށް ޝައްކުކުރެވޭ ބަޔަކު، މިސްރުގައި ބޮމުގެ ހަމަލާތަކެއް ދިނުމަށް ރާވަމުންދިޔުމުގެ ކުށުގައި ޖަލަށްލުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.


މިމައްސަލައިގައި ކުށް ސާބިތުވާ 26 މީހުންގެ ތެރޭން ތިންމީހަކަށް ވަނީ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި ދެމީހަކަށް 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު އިތުރު 10 މީހަކަށް 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ.


މިމައްސަލައިގެ ހުކުމް އިއްވެވި ފަނޑިޔާރު އާދިލް އަބްދުއްސަލާމް ވިދާޅުވީ މައްސަލައިގެ ތަހުގީގުގައި މި 26 މީހުން މަސައްކަތްކޮށްފައިވަނީ މިސްރުގެ އިގްތިސާދަށް ގެއްލުން ދީ، އެގައުމުގެ ބައިނަލްއަގުވާމީ ގުޅުންތަކަށް ބުރޫ އަރުވައި، ގައުމުގެ ރައްޔިތުންގެ މެދުގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އުފެއްދުމަށް ކަން ސާބިތުވެފައިވާ ކަމަށެވެ.


މައުލޫމާތު ލިބޭ ގޮތުގައި ކުށް ސާބިތުވީ 26 މީހުންގެ ތެރޭގައި ހިމެނެނީ ލުބުނާނުގެ ދެމީހަކާއި، ފަލަސްތީނުގެ ފަސްމީހަކާއި މިސްރުގެ 19 މީހެކެވެ.