މާލޭ ބަނދަރު ސަރަހައްދުގައި، އޮތް އާގު ބޯޓަކުން މުދާބޭލުގައި ހަރަކާތްތެރިވި އާރުކޭއެލްގެ މުވައްޒިފެއްގެ ގައި މައްޗަށް މުދާތަކެއްް ފުރޮޅާލައި އޭނާ ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ޒަހަމްވެފަ އިވަނީ އާރުކޭއެލް ލޭންޑިން ކުރާފްޓުގެ ސަރަނގު އާދަމް އިބްރާހިމް، ހދ.ކުޅުދުއްފުށި، ފެހިކުރި، އެވެ.

އެލޭންޑިން ކުރާފްޓުގެ ކެޕްޓަން އަހުމަދު ނަސީލް މިއަދު ސަން އަށް ވިދާޅުވީ އެހާދިސާ ހިނގާފައި ވަނީ މިއަދު 12 ޖަހާކަންހާ އިރު "ޖޫނޭ" ކިޔާބޯޓަކުން މުދާބާލަން އުޅުމުގެ ތެރޭގައި އާދަމް އިބްރާހިމްގެ ގައިމައްޗަށް މުދާތަކެއް ފުރޮޅާލައިގެން ކަމަށެވެ. އެ ހާދިސާގައި އޭނާ ވަރަށްބޮޑަށް ޒަހަމްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ އޭނާގެ ކަނދުރާ [އަށް ގެއްލުންވިކަމަށް]، މީހާއޮތީ ވަރަށް ބޮޑަށް ޒަހަމްވެފައި އޮތީ، ލެއިން ފޯވެފައި އޮތީ." ކެޕްޓަން ނަސީމް ވިދާޅުވި އެވެ.

އާދަމް އިބްރާހިމަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އައިޖީއެމްގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ 58 އަހަރުގެ އޭނާގެ ބޮލަށާއި ހަށިގަނޑުގެ ބައެއް ތަންތަނަށް ގެއްލުވެފައިވާ ކަމަށެވެ. އޭނާ ހޭއެބަހުރި ކަމަށާއި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ބަނދަރުގެ ކަންކަން ބަލަހައްޓާ އެމްޕީއެލްއިން ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފަ އެވެ.