އޭއެފްސީ ކަޕްގެ ގްރޫޕު ޖީގެ އެއްވަނައިގައި އޮވެ ނިންމާލަން ބޭނުންވާ ކަމަށް އިންޑިއާގެ މޯހަން ބަގާންގެ ކޯޗު ސަންޖޯއީ ސެން ބުނެފި އެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޖީގައި މާދަމާ މާލޭގައި މާޒިޔާއާ ދެކޮޅަށް މޯހަން ބަގާން ނުކުންނައިރު، އެ ޓީމު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނައިގައެވެ. ދެ ވަނައިގައި އޮތް މިޔަންމާގެ ޔަންގޮން އެފްސީއަށް ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ މާޒިޔާ އެވެ. ގްރޫޕްގެ ފުލުގައި އޮތް ހޮންކޮންގެ ސައުތު ޗައިނާއަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު މެންދުރު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޯހަން ބަގާންގެ ކޯޗު ސެން ބުނީ، އެއް ވަނައިގައި އޮވެ ނިންމާލުމުން ދެވަނަ ބުރުގެ ފުރަތަމަ ލެގު މެޗު ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެހެންކަމުން އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަހަރެމެން މެޗުން މޮޅުވެގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވޭނެ. އެއްވަނައިގައި އޮވެ ގްރޫޕް ނިންމާލުމުން އަހަރެންނަށް އެޑްވާންޓޭޖެއް އޮންނާނެ. އެއީ ދެވަނަ ބުރުގެ ފުރަތަމަ ލެގު މެޗު އަމިއްލަ ގައުމުގައި ކުޅުމުގެ ފުރުސަތު ލިބުން. އަހަރެމެން މި މަސައްކަތްކުރަނީ ގްރޫޕްގެ އެއްވަނައިގައި ނިންމާލަން،" އޭނާ ބުންޏެވެ.

ސެން ބުނީ، އަމިއްލަ ގައުމުގައި މާޒިޔާ ބަލިކުރެވުނު ނަމަވެސް ކުރިއަށް އޮތީ މުޅިން އާ މެޗެއް ކަމަށާއި އެ މެޗުން މޮޅުވުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

"ދެވަނަ ބުރަށް ދިއުމަށް މި މެޗަކީ ވަރަށް މުހިންމު މެޗެއް. ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް، ފަސޭހަ މެޗަކަށް ނުވޭ. ރާއްޖޭގެ މޫސުމަށް ބަލާފައި، ހަވީރު ގަޑީގައި ކުޅުމަކީ އުނދަގޫ ކަމަކަށް ވާނެ. އެއްވެސް މެޗަކީ ފަސޭހަ މަޗެއް ނޫން. މިއީ ތަފާތު މެޗަކަށް ވާނެ. އެއްވެސް ޓީމަކަށް މެޗުތައް ފަސޭހައެއް ނުވާނެ. އެހެންވެ އަހަރެމެންނަށް މެޗުން މޮޅުވާން އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ،" އޭނާ ބުންޏެވެ.

ސެން ބުނީ، މޫސުމުގެ އުނދަގުލަށް ހޭނުމަށް މިއަދު ހަވީރު ފަރިތަކުރުންތައް ގަލޮޅު ދަނޑުގައި ކުރިއަށްގެންދާނެ ކަމަށާއި މާޒިޔާއިން ވެސް ތައްޔާރުވާނީ އެ ހުރިހާ ކަމަކަށް ވިސްނައިގެން ކަމަށެވެ.

"މާދަމާގެ މެޗުގައި ވާދަވެރިކަން ފެންނާނެ. އެއީ ޔަގީންކަމެއް. މާޒިޔާއިން ބޭނުންވާނެ ދެވަނަ ބުރަށް ދަތުރުކުރަން. އެހެންވެ މި މެޗަކީ ވަރަށް ވާދަވެރި މެޗަކަށް ވެގެންދާނެ. ޓީމަކުން ދެވަނަ ބުރަށް ދަތުރުކުރަން ކުޅޭއިރު، ވަރަށް އުނދަގޫވާނެ،" އޭނާ ބުންޏެވެ.

މާދަމާ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލިޔަސް، މޯހަން ބަގާންއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. ގްރޫޕްގެ ދެވަނައިގައި އޮތް ޔަންގޮން އާއި، ތިން ވަނައިގައި އޮތް މާޒިޔާ އަދި ފުލުގައި އޮތް ސައުތު ޗައިނާއަށް ވެސް އަދި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ގްރޫޕް ޖީގައި މާޒިޔާ އާއި މޯހަން ބަގާން ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 4:00 ގައެވެ. އެ މެޗު ކުޅޭނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އިންޑިއާގައި މި ދެޓީމު ބައްދަލުކުރި މެޗު 5-2 ލަނޑުން ކާމިޔާބުކުރީ މޯހަން ބަގާން އެވެ.