26 Apr 2016, 13:37
ސްރީލަންކާގައި ބޮޑެތި ކުށްތަކަކަށް އަރައިގަނެ، މަރުގެ ހުކުމް ކޮށްފައިވާ 83 މީހެއްގެ އަދަބު އެ ގައުމުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ލުއި ކޮށްދެއްވައިފި އެވެ.
ސްރީލަންކާގެ މީޑިއާ ރިޕޯޓު ކުރާ ގޮތުގައި، 83 މީހެއްގެ މަރުގެ ހުކުމުގެ އަދަބު، ރައީސް ސިރިސޭނާ ލުއިކޮށްދެއްވައި އެ މީހުންގެ ހުކުމް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލު ކުރައްވައިފަ އެވެ.
ރައީސް ސިރިސޭނާ އެ ގޮތަށް ނިންމެވީ، ލަންކާގައި އިއްވާފައިވާ މަރުގެ ހުކުމްތައް މުރާޖައާ ކުރުމަށްޓަކައި، އެގައުމުގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން އެކުލަވާލި ކޮމިޓީއަކުން ހުށަހެޅި ހުށަހެޅުންތަކެއްގެ މައްޗަށް ބިނާ ކޮށެވެ.
އެ ގައުމުގެ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ނިޝާން ޑަނަސިންހަ ވިދާޅުވީ، މަރުގެ ހުކުމް އިއްވާފައި ތިބި އިތުރު މީހުންގެ އަދަބުތައް ވެސް ކައިރި މުސްތަގުބަލެއްގައި ލުއި ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ސްރީލަންކާގެ ކޯޓުތަކުން ދަނީ މީހުން މެރުމާއި ރޭޕް ކުރުމުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ ހުކުމް އިއްވަމުންނެވެ. ނަމަވެސް އެ ގައުމުގައި އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ 1976 ވަނަ އަހަރު އެވެ.