26 Apr 2016, 13:28
އައްސޭރި ޖަލުގައި ތިބޭ ގައިދީން ބެލުމުގެ ދަށުން ބަލަހައްޓާ ބަކަރި ފާމް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ފާމުގެ ބިންގާ އަޅުއްވައިދެއްވީ އައްސޭރި ޖަލުގައި އޮތް ރަސްމިއްޔާތެއްގައި ޖަލުގެ ޑައިރެކްޓަރ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ހުސައިން އެވެ.
ކަރެކްޝަންސް އިން ބުނީ، އައްސޭރި ޖަލުގައި ބަކަރި ގެންގުޅޭތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ބަކަރި ގެންގުޅެމުންދާ ކޮށީގައި ޖާގައިގެ ދަތިކަން ހުރުމުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމުގައި ދަތިވާ ކަމަށެވެ.
ނަމަވެސް މިއަދު ބިންގާ އެޅުނު ފާމުގެ މަސައްކަތް ނިމުމުން އެކަމަށް ހައްލެއް އަންނާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
ކަރެކްޝަންސް އިން ބުނީ އަމާޒަކީ ޖަލުގައި ބަކަރި ގެންގުޅުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، އެމަސައްކަތުގައި ގިނަ ގައިދީންގެ ބައިވެކުރުން ކަމަށެވެ.
ބަކަރި ގެންގުޅުމުގެ އިތުރުންވެސް، ޖަލުތަކުގައި ތަފާތު މަސައްކަތްތައް ކުރުމުގައި ގައިދީން އަންނަނީ ބައިވެރިކުރުވަމުންނެވެ.