މުރަކަ ހުދުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތައް ނެތިދިއުމުގެ ބިރު ނެތް ކަމަށާއިި ފަރުތަކަށް ލިބޭ ގެއްލުންތައް ކުޑަވާނެ ކަމަށް ބެލެވޭ ކަމަށް މެރިންރިސާޗް ސެންޓަރުން ބުނެފި އެވެ.

މުރަކަ ހުދުވުމަކީ ހޫނު ގަދަވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ފަރުތައް މާގަދައަށް ހޫނުވެ ގިނަ ދުވަސްތަކަކަށް ހިފެހެއްޓުމުގެ ސަބަބުން މުރަކައިގެ ދިރޭ ފަށަލަ (ލިވިން ޓިޝޫ) މަރުވެ އެވެ. އެއާއެކު މުރަކާގައި ގާފަރާއި ފެހި ޖަހައި މުރަކަ ނެތިގެންދެ އެވެ.

ޑރ. ޝިހާމް ވިދާޅުވީ ރިޕޯޓްތައް ދައްކާ ގޮތުން 1998ގައި މާބޮޑަށް ރާއްޖޭގެ ފަރުތައް ހުދުވި ކަމަށާއި ނަމަވެސް މިހާ ހިސާބަށް އައިއިރު އަލުން ފަރުތައް ރަނގަޅުވެފައި ވާތީ މިހާރު މިހުދުވާ މިންވަރު ފަރުތަކަށް މާބޮޑު ގެއްލުމެއްނުވެ ސަލާމަތްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑު ދައްނަވާނީ މިހާރު މިހިނގަމުންދާ ކަންތައް 1998 އަށްވުރެ ނިމިގެންދާއިރު ކުޑަވާނޭ، އިމްޕެކްޓް ކުޑަވާނޭ، ތަންކޮޅެއް ލަހުން މިކަން ދިމާވީމަ، އަނެއްކާ މޫސުން މިހާރު ބަދަލުވެއްޖެ،" ޑރ. ޝިހާމް ވިދާޅުވިއެވެ.

ނ.އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށް ބައެއް އަތޮޅުތަކުން މުރަކަ ހުދުވަމުގެ ރިޕޯޓްތައް ހުށަހަޅަމުން އަންނަ ކަމަށާއި މެރިން ރިސާޖަށް މައުލޫމާތު ލިބޭވަރަކުން ޓީމްތައް އެ ސަރަހައްދުތަކަށް ގޮސް ބަލަމުން އަންނަ ކަމަށް ޝިހާމް ވިދާޅުވިއެވެ.

ޑރ. ޝިހާމް ވިދާޅުވީ ފަރުތައް ހުދުވުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް މަދު ކަމަށާއި ހަމައެކަނި ކުރެވޭނެ ކަމަކީ އިންސާނުންގެ ފަރާތުން ފަރުތަކަށް ލިބޭ ގެއްލުންތައް މަދުކުރުން ކަމަށެވެ. އެގޮތަށް ހުދުވާ މުރަކަ ބައެއް ފަހަރު އަލުން ދިރުން އަންނަ ކަމަށް ވެސް ޝިހާމް ވިދާޅުވިއެވެ.

"މިދިޔަ ހަފްތާއާއި ކުރީހަފްތާގައި ވަރަށް ބޮޑަށް ވައި ބަދަލުވެއްޖެ، ވިންޑުއެނާޖީ ސާފޭސްގައި ގޮސްފި، އެހެންވީމަ ކޮންމެ ވެސް ވަރަކަށް މަތީ ފަށަލާގައިހުރި ހޫނު ހީވަނީ ދާނެހެން ކޮންމެވެސް ވަރަކަށް،" ޝިހާމް ވިދާޅުވި އެވެ.

އިންތިހާއަށް ހޫނުގަދަވުމުގެ ޓޫރިޒަމަށް ބަރޯސާވެފައިވާ މިރާއްޖޭގެ ބައެއް ފަރުތައް ދަނީ ހުދުވަމުންނެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފައި ވަނީ ފަހަކަށް އައިސް ހޫނުމިން މައްޗަށް ދިއުމާއި އެލްނިނޯ ބާރުގަދަވުމަކީ ވިހަގޭހުގެ ސަބަބުން ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަން ކަމަށެވެ. އަންނަ މަހުގެ 22 އާ ހަމައަށް ހޫނު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.