26 Apr 2016, 13:04
ސްވިޒަލެންޓުގެ މިލިއަނަރެއް ކަމުގައިވާ ކްރިސްޗޮފަރ ޕީޓަރ ނިކޮލާ ގްރޯ ރަހީނު ކުރި މައްސަލައިގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ފުލުހުން ސުވާލުކޮށް ބަޔާނެއް ނަގައިފި އެވެ.
ސްވިޒަލެންޑުގައި އޭނާ ދިރިއުޅޭގޭގައި އުޅެނިކޮށް ކްރިސްޗޮފަރ ރަހީނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.
ކްރިސްޗޮފަރ ރަހީނު ކުރުމަށްފަހު ތިން މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އޭނާ އަށް އަންގައި އެ ފައިސާ ނުދީފިނަމަ މަރާލާނެ ކަމުގެ އިންޒާރު ބަޔަކު ދީފައި ވެއެވެ.
އެ މައްސަލާގައި ފުލުހުން އަދީބުގެ މައްޗަށް ތުހުމަތު ކުރަނީ ކްރިސްޗޮފަރގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްގެ މުވައްޒަފުންނަށް ބިރުދެއްކުމަށް އިރުޝާދުދީ، އެކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެކަން ރޭވި ކަމުގެ ތުހުމަތެވެ.
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އަކީ ފުލުހުންނަށް ހުޅުމާލޭގައި ފްލެޓުތައް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރި ކުންފުންޏެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް މީޑިއާ އަށް ހިއްސާކޮށްފައެއް ނުވެއެވެ.