26 Apr 2016, 13:05
އިންޑިއާގައި ވެރިރަށް ނިއު ދެއްލީގައި ހުންނަ އެންމެ މަގްބޫލު އެއް މިއުޒިއަމްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި އިމާރާތް އެއްކޮށް އަދައި ހުލިވެއްޖެ އެވެ.
ހަ ބުރިއަށް ނަގައިފައި ހުންނަ، ނެޝަނަލް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީގައި އަލިފާން ރޯވީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަލިފާން ރޯވީ، އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގަ އެވެ.

އިންޑިއާގެ ނެޝަނަލް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓަރީގައި އަލިފާން ރޯވެ ދުންއަރަމުންދަނީ: އެ އިމާރާތުގައި ރޯވި އަލިފާން ގަނޑު ނިއްވާލުމަށް ހަތަރު ގަޑިއިރު ހޭދަވި --- ފޮޓޯ/ އިންޑިއަން އެކްސްޕުރެސް
ނިއު ދިއްލީގެ ފަޔާ އޮފިޝަލް ހަރިންދަރު ސިންގު ވިދާޅުވީ، އެތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށް ހަތަރު ގަޑިއިރު ހޭދަވި ކަމަށެވެ. އަދި އަލިފާން ނިއްވުމުގައި 35 ފަޔަރު އިންޖީނު ބޭނުންކުރި ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ނެޝަނަލް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތް ރޯވެ އަދަނީ --- ފޮޓޯ/ އޭޕީ
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ނުލިބެ އެވެ. ނަމަވެސް ދުމުގެ އަސަރުކޮށްގެން ފަސް ފަޔާ ފައިޓަރަކު ހޮސްޕިޓަލަށް ގެންދިއަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެންވާރަމަންޓް މިނިސްޓަރު ޕްރަކާޝް ޖަވާދެކަރު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި މިއުޒިއަމަށް ލިބިފައިވާ ގެއްލުން ބަލަމުން އަންނަ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ބެލުމަށް ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ އެކި ކަންކޮޅުތަކުގައި 34 މިއުޒަމެއް އެބަހުރި. އެ ހުރިހާ މިއުޒިއަމެއްގައި އަލިފާނުގެ އޮޑިޓެއް ކުރުމަށް ވަނީ މިހާރު އަންގާފައި،" މިނިސްޓަރު ޖަވާދެކަރު ވިދާޅުވި އެވެ.

އިންޑިއާގެ ނެޝަނަލް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓަރީގައި ރޭ ރޯވި އަލިފާންގަނޑު ނިއްވާލުމަށް ފަޔާ ޑިޕާޓްމަންޓުން މަސައްކަތްކުރަނީ --- ފޮޓޯ/ އީޕީއޭ
ނިއު ދެއްލީ ޑެޕިއުޓީ ޗީފް ފަޔާ އޮފިސަރު ރާޖޭޝް ޕަންވަރު ވިދާޅުވީ، މިއުޒިއަމް އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ހަރުކޮށްފައި ހުރި އާލާތްތައް ރަނގަޅަކަށް މަސައްކަތެއް ނުކުރެ އެވެ. އެކަމުގެ ސަބަބުން އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ތިމާވެއްޓަށް އަމާޒުކޮށްގެން ހުޅުވާފައި ހުރި ދެ މިއުޒިއަމްގެ ތެރެއިން، އަލިފާނުގެ ހާދިސާ ހިނގި ނެޝަނަލް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓަރީ ހުޅުވާފައި ވަނީ 1978 ވަނަ އަހަރު އެވެ.
މައުލޫމާތު: އޭޕީ، އިންޑިއާގެ ނޫސް އެޖެންސީތައް