26 Apr 2016, 13:38
ޝަންގްރި-ލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ހޮސްޕިޓަލިޓީ ބްރޭންޑް "ޖެން"ގެ ތިން އާ ހޮޓެލެއް ހުޅުވަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.
ލަންޑަނުގައި ބޭއްވި ފަތުރުވެރިކަމާ ބެހޭ ބައްދަލުވުމެއްގައި، ދުނިޔޭގެ 60 އަށް ވުރެ ގިނަ ކުންފުނިތަކުން މަންދޫބުން ބައިވެރިވެފައިވާ އިރު، ހޮޓެލް ޖެންގެ ފަރާތުން ވަނީ، އެ ބްރޭންޑުގެ މުޅިން އާ ހޮޓަލެއް މި އަހަރު ތެރޭގައި ހުޅުވާނެ ވާހަކަ އިއުލާންކޮށްފަ އެވެ.
މި އަހަރު ތެރޭގައި ޗައިނާގެ ޗައިނާ ވޯލްޑް ބެއިޖިންގްގައި ހޮޓޭލް ޖެންއެއް ހުޅުވުމަށް ހަމަޖެހިފައިވާ އިރު، މިދިޔަ އަހަރު ސިންގަޕޫރުގައި ހުޅުވި ޓްރޭޑާސް ހޮޓެލް އަށް 22 މިލިޔަން ޕައުންޑުގެ މަރާމާތަކަށް ފަހު ހޮޓެލް ޖެންގެ ގޮތުގައި ރީބްރޭންޑް ކުރެވި، މި އަހަރު ތެރޭގައި ހުޅުވިގެން ދާނެ އެވެ.
ޝަންގްރި-ލާއިން ބުނާ ގޮތުގައި 2018 ވަނަ އަހަރު އިންޑޮނޭޝިއާގެ ބޯނިއޯގައި ވެސް ހޮޓެލް ޖެން ކޮޓަ ކިނަބަލޫ ހުޅުވިގެން ދާނެ އެވެ. އަދި 36 ބުރީގެ އިމާރާތަކާ އެކު، މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި، 2019 ވަނަ އަހަރު ހޮޓޭލް ޖެން ކުއަލަ ލަމްޕޫރު ހުޅުވުމަށް ވަނީ ރޭވިފަ އެވެ. ހޮޓެލް ޖެން ކޭއެލްގައި 200 ކޮޓަރި ހުންނާނެ އެވެ.
މީގެ އިތުރުން ވެސް، މިއަހަރު ތެރޭގައި ދުނިޔޭގެ ގިނަ ހޮޓެލް ޖެންތަކެއްގައި މަރާމާތުތައް ކުރިޔަށް ދާނެ އެވެ. އެގޮތުން މެލޭޝިޔާގެ ޖޮހޯރުގައި ހުންނަ ހެލޯ ކިޓީ ޓައުން ކައިރީގައި އޮންނަ ހޮޓެލް ޖެންގެ 12 ކޮޓަރިއެއް، ހެލޯ ކިޓީ ތީމަށް މަރަމާތު ކޮށް، ބަދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ހޮޓެލް ޖެންގެ ހޮޓެލްތައް މެލޭޝިއާ، ސިންގަޕޫރު، ފިލިޕީންސް، ޗައިނާ، އޮސްޓްރޭލިއާ އަދި މާލޭގައި ހުރެ އެވެ.