ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ޓޯޓަލް ފިޓްނަސް ކުލަބު (ޓީއެފްޖީ)އިން ބާއްވާ "ބީއެމްއެލް ވައު ކިޑްސް ރަން" ކުރިއަށް އޮތް ތިން އަހަރު ދުވަހު ކުރިއަށް ގެންދިއުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު ޓީއެފްޖީގައި ބޭއްވި ހަފްލާއެއްގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ރީޓެއިލް ބޭންކިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ. ޓީއެފްޖީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓީއެފްޖީގެ ސީއީއޯ ޙުސެއިން ޒިނާން އެވެ.

'ބީއެމްއެލް ވައު ކިޑްސް ރަން' ކުރިއަށް އޮތް ތިން އަހަރު ދުވަހު ބީއެމްއެލް އިން ބެއްވުމަށް އެއްބަސްވެ ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓީ: ފަޔާޒު މޫސާ

ސޮއި ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މުހައްމަދު ޝަރީފް ވިދާޅުވީ އެ ދުވުމަކީ ވަރަށް ގިނަ ބައެއްގެ މަގުބޫލު ކަން ލިބިފައިވާ ހަރަކާތެއް ކަމަށާއި ސަބަބަކީ އެ ހަރަކާތަކީ ކުޑަކުދިންނަށް އަމާޒުކުރެވިގެން ކުރިއަށް ގެންދާ ހަރަކާތަކަށްވުމުން ކަމަށެވެ.

"ބައެއްގެ މެދުގައި ކަމެއް އަށަގަންނުވާ ކަމަށް ވަންޏާ އެންމެ ފުރަތަމަ ވެސް ފައްޓަން ޖެހޭނީ ކުޑަކުދިންގެ ފަރާތުން. އެހެންވެ ކުޑަކުދިން ބައިވެރިކޮށްގެން ގެންދާ މިފަދަ ހަރަކާތްތަކުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް ބޮޑަށް ބާރުއެޅިގެންދޭ،" މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު އެއްބަސް ވުމެއް ކަމަށާއި އެހެން ކަމުން އެ ހަރަކާތައް ގިނަ ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ.

'ބީއެމްއެލް ވައު ކިޑްސް ރަން' ކުރިއަށް އޮތް ތިން އަހަރު ދުވަހު ބީއެމްއެލް އިން ބެއްވުމަށް އެއްބަސްވެ ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓީ: ފަޔާޒު މޫސާ

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓީއެފްޖީގެ ސީއީއޯ ހުސެން ޒިނާން ވިދާޅުވީ ކުޑަކުދިންނަށް އަމާޒް ކޮށްގެން ކުރިއަށް ގެންދާ 'ބީއެމްއެލް ވައު ކިޑްސް ރަން' އަކީ ކުޑަކުދިނާއި ބެލެނިވެރިންގެ މެދުގައި ވަރަށް މަގުބޫލް ހަރަކާތެއް ކަމަށާއި އެ ދުވުމުގެ ޕާޓްނަރަކަށް ބީއެމްއެލް ވެގެންދިއުމަކީ އެ ހަރަކާތައް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މި ރަން ކުރިއަށް ދާނީ ތަފާތު ތިން އުމުރުފުރާ އަކަށް ބަހާލެވިގެން. އޭގެ ތެރޭގައި ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ އުމުރުފުރާ އާއި ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ އުމުރުފުރާ އަދި ހަތް އަހަރާއި ނުވަ އަހަރާއި ދެމެދުގެ އުމުރުފުރާ މި އޮންނަނީ،" ޒިނާން ވިދާޅުވިއެވެ.

ޒިނާން ވިދާޅުވީ މީގެ ދެ އަހަރު ކުރިން ބާއްވަމުން އަންނަ 'ބީއެމްއެލް ވައު ކިޑްސް ރަން'ގައި މިފަހަރުގެ ހާއްސަ ކަމަކަށް އޮންނާނީ ކޮންމެ އުމުރުފުރާ އަކުން ވެސް ބައިވެރިވާ ކުދިން މިފަހަރު ދުވާނީ އެ ކުދިންގެ ބެލެނިވެރިންނާއެކު ކަމަށާއި ބައިވެރިވާން ބޭންނުވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ފޯމް ފުރުހަމަ ކުރުމަށްފަހު ޓީއެފްޖީ އަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ ކަމަށެވެ.

މިއަހަރުގެ ދުވުން ފެށޭނީ އަންނަ މޭ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 6:20 ގައެވެ. ތިން އުމުރު ފުރައަކުން ޖުމްލަ 600 ކުދިން އެކުދިންގެ ބެލެނިވެރިންނާއެކު މި ދުވުމުގައި ބައިވެރިވާނެ ކަމަށް ޓީއެފްޖީން ބުނެ އެވެ.