ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ޅ. މާބިންހުރާ ކުއްޔަށްދޫކުރުމަށްފަހު އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވިކަން ސާބިތުކުރަން ދައުލަތުން ނުވަ މީހަކު ސިއްރު ހެކީގެ ގޮތުގައި ހުށަހަޅައިފި އެވެ.

ކުރެއްދޫ ހޯލްޑިންގްސް އިން ދައުލަތަށް ދޫކުރި ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެ އޭގައިވާ ފައިސާ އަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އަދި އެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށެވެ.

ސިއްރު ހެކީގެ އިތުރުން ދައުލަތުން މިއަދު ވަނީ ބޭންކު ސްޓޭޓްމަންޓުތަކެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ އެ ފައިސާއާ ހަވާލުވިކަމަށް ތަހުގީގުގައި ޒިޔަތު ވަނީ އިއުތިރާފުވެފައި ކަމަށެވެ.

ސިއްރު ހެކި ހުށަހެޅިއިރު، އެމީހުން ހުށަހެޅީ ކޮންކަމެއް ސާބިތުކުރަންކަން ދައުލަތުން ބުނެދޭންޖެހޭނެ ކަމަށާއި އެހެން ނޫންނަމަ ހެކީންނާ ކުރާނީ ކޮން ސުވާލެއްކަން ކަނޑައަޅައި އެކަނަށް ދުރާލައި ތައްޔާރު ނުވެވޭނެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މިއަދު އަނގަބަހުން ހެކި ހުށަހެޅިނަމަވެސް ލިޔުމުން ހެކި ހުށަހަޅާނެ ކަމަށާއި ލިޔުމުން ހުށަހަޅާއިރު، ކޮންމެ ހެއްކެއް ވެސް ހުށަހަޅަނީ ކީއްވެގެންކަން ބަޔާންކޮށްފައިވާނެ ކަމަށެވެ.

ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ފުރަތަމަ އޮންނާނީ ދައުލަތުން ހެކީން ހުށަހަޅާ ސަބަބު ޝަރީއަތަށް އިއްވުން ކަމަށެވެ. އަދި އޭގެފަހުން އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ހާމިދުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ހެކި ހުށަހަޅާ ސަބަބުތައް ޝަރީއަތަށް އިއްވުމަށްފަހު ހަމަ އެ އަޑުއެހުމުގައި ހެކިބަސް ނަގައިފިނަމަ ހެކީންނާ ސުވާލުކުރަން ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭނެ ކަމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި ހެކީންގެ ހެކިބަސް ނެގުން ކުރިއަށް ގެންދިޔުމަށެވެ.