26 Apr 2016, 11:16
ދުވަހު ނޫސް ހަވީރުގެ މިލްކުވެރިކަމުގައިވާ ތަކެއްޗަށް އުނިކަން އަންނާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް ހ. ނީލްވިލާ، ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި ހަވީރުގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން އެ އަމުރު ނެރުނީ ޒާހިރު ހުސެއިން އާއި ހަވީރުގެ މުވައްޒަފަކަށް ވެސް އާ ނޫހެއް ނުހެދޭނެ ގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަށް ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމް ސިވިލް ކޯޓުގައި އެދުމުންނެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ހަވީރުގެ މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން ހަވީރުގެ މުވައްޒަފުންނާ ދެމެދު ވެފައިވާ އެއްބަސްވުމަށް އިހްތިރާމް ކުރުމަށެވެ.
ޒާހިރު ހުސައިން އާއި ހަވީރު މީޑިއާ ގްރޫޕާއި އެ ކުންފުނީގެ މުވައްޒަފުންނަށް ރައްދުވާ ގޮތަށް ނެރުނު އަމުރުގައި ބުނެފައި ވަނީ ހަވީރު އަރުޝީފާއި މުދަލާއި ތަކެއްޗާއި ޚަބަރާއި މައުލޫމާތާއި ފޮޓޯއާއި ވީޑިއޯ އާއި ފައިސާ އާއި އެންމެހައި ރިސޯސްތަކާއި ހަވީރުގެ މިލްކުވެރިކަމުގައިވާ މިނޫން ވެސް އެންމެހައި ތަކެއްޗަށް އުނިކަމެއް އަންނާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށެވެ.
"މި ނޫންވެސް އެންމެހައި ތަކެއްޗަށް އުނިކަމެއް އަންނާނެފަދަ އެއްވެސް އަމަލެއް، ދިނުމަކުންވިޔަސް، ވިއްކުމަކުން ވިޔަސް، ހިއްސާކުރުމަކުންވިޔަސް، ބުނުމަކުންވިޔަސް އަދި މަންފާއެއް ލިބިގަތުންފަދަ ކަމަކުންވިޔަސް ނުކުރުމަށް ހ. ލީލްވިލާ މުހައމްަދު ޒާހިރު ހުސައިން އާއި ހަވީރު މީޑީއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ހަވީރުގެ ހުރިހާ މުބައްޒަފުންނަށް އަންގައި އަމުރުކޮށްފީމެވެ،" ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް މިއަދު ނެރުއްވި އަމުރުގައި ބުނެފައިވެ އެވެ.
ސިވިލް ކޯޓުން ނެރުނު އަމުރު ދެމިއޮންނާނީ ހަވީރުގެ މިލްކުވެރިންކަން ލިބޭ ތިން ހިއްސާދާރުންނަށް ހައްގުވާ ސާފު ފައިދާ ކޯޓު މެދުވެރިކޮށް ކަނޑައަޅައި ނިމެންދެކަށެވެ.