ވެސްޓް ބްރޮމް އަލްބިއޮން އަތުން އެއްވަރުވެ، ޓޮޓެންހަމް ހޮޓްސްޕާއިން އިނގިރޭސި ޕްރިމިއާ ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު އުނދަގުލަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭންގައި ވެސްޓް ބްރޮމްއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގެ އެއްވަނާގައި ލެސްޓާ ސިޓީ އޮތީ ކުޅުނު 35 މެޗުން ލިބުނު 76 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ކުޅުނު 34 މެޗުން 68 ޕޮއިންޓް ލިބިފައިވާ އިރު، ކުޅުނު 35 މެޗުން ލިބުނު 64 ޕޮއިންޓާއެކު ތިން ވަނާގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް އާސެނަލްއަށް ވެސް 35 މެޗުން ލިބިފައި ވަނީ 64 ޕޮއިންޓެވެ. ކުޅުނު 34 މެޗުން ލިބުނު 40 ޕޮއިންޓާއެކު ވެސްޓް ބްރޮމް އޮތީ 14 ވަނާގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ވެސްޓް ބްރޮމްވިޗް އަލްބިއޮން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ

މެޗުގެ ފަސް ވަނަ މިނެޓުގައި ޓޮޓެންހަމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހަމަލާ، ވެސްޓް ބްރޮމްގެ ގޯލްކީޕަރު ބޮއާޒް މީހިލް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 13 ވަނަ މިނެޓުގައި ވެސް އެރިކްސަންއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް އޭނާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ހޯދައިދިނުމަށް އިނގިރޭސި ފޯވާޑް ހެރީ ކޭންއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް ކޭން އުފެއްދި ހަމަލާ، ވެސްޓް ބްރޮމްގެ ކީޕަރު މީހިލް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ލިބިގެންދިޔަ އެވެ. އެރިކްސަން ނަގައިދިން ހުރަހަކުން ޓޮޓެންހަމަށް ލީޑު ލިބުނީ ކްރެއިގް ޑޯސަން އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ވެސްޓް ބްރޮމްވިޗް އަލްބިއޮން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ

މެޗުގެ 58 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެރިކްސަން ދިން ބޯޅައަކުން އެރިކް ލަމޭލާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ 68 ވަނަ މިނެޓުގައި އެރިކްސަން ދިން ބޯޅައަކުން ޓޮޓެންހަމްގެ މޫސާ ޑެމްބެލޭއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް އޭނާ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ވެސްޓް ބްރޮމްއިން ވަނީ ލަނޑެއްޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކްރެއިގް ގާޑްނާ ދިން ބޯޅައަކުން ވެސްޓް ބްރޮމްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑޯސަން އެވެ. ޓޮޓެންހަމަށް ފުރަތަމަ ލީޑު ލިބުނީ ވެސް ޑޯސަން އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.