26 Apr 2016, 12:07
ޖަކާޓާ (އޭޕްރިލް 26): ދަހިވެތި އަނބިންގެ ސަބަބުން އިންޑޮނޭޝިއާގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެގައުމުގެ ރިލިޖަސް އެފެއާޒް މިނިސްޓަރު، ލަކްމަން ހާކިމް ސައިފުއްދީން ވިދާޅުވެއްޖެ އެވެ.
އިންޑޮނޭޝިއާގެ ކޮމްޕަސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައިފުއްދީން ވިދާޅުވީ ފިރިހެނެއްގެ ދިރިއުޅުމަށް އަންހެނުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް ފެނިގެން ދަނީ ދެމަފިރިންގެ ދިރިއުޅުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ފިރިމީހާ އޭނާގެ އަނބިމީހާ އެދޭ އެއްޗެހި ގަނެދެނީ ގިނަ ވަގުތު ބޭރުގައިި ހޭދަ ކުރެވުމުން، އޭގެ ބަދަލުގައި އަނބިމީހާ ރުއްސައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެއެއްޗެހި ގަނެދިނުމަށް ފައިސާ ހޯދާ އެއްގޮތަކީ ކޮރަޕްޝަނުން ކަމަށެވެ.
"ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ސަބަބުތަށްވޭ. އޭގެ ތެރެއިން އެއް ސަބަބަކީ އާއިލާއިން ކުރާ އާދަޔާހިލާފު ޑިމާންޑުތައް. އެޑިމާންޑުތަކުގެ ސަބަބުން ބައެއް މީހުން، އެމީހުން އާއްމު ގޮތެއްގައި ނުކުރާ ކަންތައް ކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ދުނިޔެގޭ ގައުމުތަކުގައި މިދިޔަ އަހަރު ކޮރަޕްޝަން ހުރި މިންވަރަށް ބެލުމަށް ފަހު އެކުލަވާލި 168 ގައުމުގެ ލިސްޓުގައި އިންޑޮނޭޝިއާ އޮތީ 88 ވަނައިގަ އެވެ. އެލިސްޓު އެކުލަވާލާފައި ވަނީ ކޮރަޕްޝަން އޮތް މިންވަރު މަދު ގައުމުތަކުން ފެށިގެން ކޮރަޕްޝަން އެންމެ އާއްމު ގައުމަތަކުން ލިސްޓު ނިމޭ ގޮތަށެވެ. (ކޮމްޕަސް)