އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ އަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޝިޕް ހުރަވީއަށް ކުރެއްވި އެ ޒިޔާރަތަކީ ޝިޕް ހުރަވީ ރީފިޓަށް އިންޑިއާގެ ވިޝާކަޕަޓްނަމްގައި މަރާމާތު ކުރުމަށްފަހު ރީފިޓް ހިނގާދިޔަ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވައި، ޝިޕްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ. ރީފިޓްގެ މަސައްކަތްތައް ކުރިއަށް ދިޔަ ގޮތާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް މައުލޫމާތު އެރުވީ ޝިޕް ހުރަވީގެ ކޮމާންޑިން އޮފިސާ ކެޕްޓަން ހަސަން ޝިނާނު އެވެ.

ރައީސް ޔާމީން، ކޯސްޓްގާޑް ޝިޕް ހުރަވީއަށް ވަޑައިގެން އެ ޝިޕްގެ ކަންކަން ބައްލަވައިލެއްވުން ---- ފޮޓޯ/ އެމްއެންޑީއެފް

ކޯސްޓްގާޑު ޝިޕް ހުރަވީއަށް، ރައީސް ޔާމީން ޒިޔާރަތްކުރެއްވުމުން އެމަނިކުފާނުގެ ޝަރަފުގައި، ޝިޕް ހުރަވީގެ ސެއިލަރުންވަނީ ގާޑު އޮފް އޮނާ އެއް އަރުވާފައެވެ. އެ ޒިޔާރަތުގައި، އެމަނިކުފާނު ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ޝިޕް ހުރަވީގެ މަރާމާތުގެ މަސައްކަތަށް އިންޑިއާގެ ވިޝާކަޕަޓްނަމްގެ ބަނދަރުގައި 11 މަސް ދުވަހަށްފަހު ރާއްޖެ އައިސްފައިވަނީ މިއަހަރު ފެބްރުއަރީ 29 ވަނަ ދުވަހުއެވެ. ރީފިޓްގެ މަސައްކަތަށްފަހު ރާއްޖެ އައުމުގެ ކުރިން އިންޑިއަން ނޭވީގެ ތާރީހުގައި މިއަހަރު ބޭއްވި އެންމެ ބޮޑު ފްލީޓް ރިވިއުގައި ޝިޕް ހުރަވީ ވަނީ ބައިވެރިފައެވެ.

ޝިޕް ހުރަވީ އަށް، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެ ޒިޔާރަތުގައި، އިންޑިޔާގެ ރައީސް ޕުރަނާމް މުކަރްޖީ ސޮއިކުރައްވާފައިވާ އިންޓަނޭޝަނަލް ފްލީޓް ރިވިއު ޗާޓް ވަނީ އެމަނިކުފާނަށް އަރިސްކޮށްފައެވެ.

ރައީސް ޔާމީން، ކޯސްޓްގާޑް ޝިޕް ހުރަވީއަށް ވަޑައިގެން އެ ޝިޕްގެ ކަންކަން ބައްލަވައިލެއްވުން ---- ފޮޓޯ/ އެމްއެންޑީއެފް

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝާހިދު އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ބައިވެރިވެވަޑައިގެންނެވިއެވެ.