ގައުމީ ޔުނިވާސިޓީގައި މާސްޓާޒް އިން އެޑިއުކޭޝަން އެސެސްމަންޓުގެ ނަމުގައި އާ ކޯހެއް ފަރުމާކޮށް، މި އަހަރުގެ ދެ ވަނަ ސެމިސްޓާގައި ކޯސް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެ ކޯހަކީ ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ އެންމެ ފަހުގެ ގޮތްތައް ދަސްކޮށްދިނުމާއެކު ތައުލީމުގެ ތަފާސް ހިސާބުތައް އިލްމީ ގޮތެއްގައި ހޯދައި ޝާއިއު ކުރެވޭނެ ގާބިލްކަން ސްކޫލްތަކުގެ ފަންނީ މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމުގެ އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. އެ ކޯސް ފަރުމާކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ކިއުއޭޑީ) އާއި ގައުމީ ޔުނިވާސިޓީ ގުޅިގެންނެެވެ.

ކިއުއޭޑީ އިން ބުނީ، ފުލްޓައިމްކޮށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މާލޭ ކެމްޕަހުގައި ކުރިއަށްގެންދަން ނިންމާފައިވާ އެ ކޯހުގެ މުއްދަތަކީ ތިން ސެމިސްޓަރު ކަމަށެވެ.

އެ ކޯހުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން ދާއިމީ އެއް ޓީޗަރަކާއި މާލެއިން ދާއިމީ ދެ ޓީޗަރަކާއެކު ޖުމްލަ 22 ބައިވެރިއަކަށް ފުރުސަތު ދޭނެއެވެ. އެ ބައިވެރިންނަށް ޓިއުޝަން ފީ އެޑިއުކޭޝަން މިނިސްޓްރީން ހިލޭ ދިނުމަށް ވަނީ ނިންމާފަ އެވެ. ކޯހުގެ ކޮންމެ ބައިވެރިއަކަށް ޓިއުޝަން ފީއަށް ޖެހެނީ 24،000 ރުފިޔާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ޕެއިޑް ލީވް އުސޫލުގެ ތެރެއިން އެ ބައިވެރިންނަށް ކޯހުގެ މުއްދަތަށް ޕޭ ލީވް ހަމަޖައްސައިދެވޭނެ ކަމަށް ކިއުއޭޑީ އިން ބުނެ އެވެ.

އެ ކޯހުގެ ޝަރުތަކީ

  • އެންމެ ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ލެވެލް ހަތެއްގެ ސެޓްފިކެޓް އޮތުން، ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވަނީ އިނގިރޭސި ބަހުން ނޫންނަމަ، އޯ ލެވެލް އިމްތިހާނަކުން 'ސީ' ގްރޭޑް ނުވަތަ އެއަށްވުރެ މަތީ އިނގިރޭސި ފާހެއް އޮތުން.

ކިއުއޭޑީ އިން ބުނީ، އެ ކޯހަށް ކުރިމަތިލުމުގެ އެންމެ ފަހުގެ މުއްދަތަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކަމަށެވެ. އަދި ފޯމް ހުށަހަޅަން ޖެހޭނީ ކުރިމަތިލާ ބޭފުޅަކު ނިސްބަތްވާ ރަށެއްގެ ސްކޫލަކަށެވެ.