26 Apr 2016, 12:13
މި އަހަރުގެ އީދާ ދިމާކޮށް ނެރުމަށް ނިންމި ސުޕަސްޓާ ޝާހުރުކް ޚާންގެ ފިލްމު، "ރައީސް" ރިލީޒްކުރުން ފަސްކޮށްފި އެވެ.
ޝާހުގެ އެކްޝަން ތުރިލަރ ފިލްމު ނެރުން ފަސްކޮށްފައި ވަނީ، އީދު ބަންދުގައި ސަލްމާން ޚާންގެ "ސުލްތާން" އަޅުވަން ހަމަޖެހިފައި ވާތީ، ދެ ފިލްމުގެ ވިޔަފާރިއަށް އަސަރުކޮށްފާނެތީ ސުލްތާނަށް ފުރުސަތު ދިނުމަށް ކަމަށް ހަބަރުތައް ބުނެ އެވެ.
ޝާހުގެ އެންމެ ފަހުން ނުކުތް "ފޭން" އަށްވެސް އުންމީދުކުރި ވަރުގެ ކާމިޔާބެއް ބޮކްސް އޮފީހުގައި ލިބިފައި ނުވާ އިރު، ސަލްމާންގެ ފިލްމަކާ އެކުގައި ރައީސް ނޭޅުވުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބެލެވެ އެވެ.
ބޮލީވުޑުގައި އެންމެ ވާދަވެރި ދެ ޚާނުންގެ ފިލްމެއް އެކުގައި ރިލީޒު ކުރަން ހެމެޖެހިގެން ދިއުމުން، ގިނަ ބަޔަކު ތިބި އެ ކުރިމަތިލުމަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ. ޝާހު ވެސް ކުރިން ބުނެފައި ވަނީ ދެ ފިލްމުވެސް އެކުގައި ރިލީޒްވެގެންދާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް އެންމެ ފަހުން، ޝާހުގެ ފިލްމު މިވަނީ ފަސްކޮށްފަ އެވެ. ފިލްމު ރިލީޒް ކުރާނީ 2017 ވަނަ އަހަރުގެ ޖެނުއަރީގައި ކަމަށް ހަބަރުތައް ބުނެ އެވެ. "ރައީސް" ރިލީޒްކުރުން ލަސްކުރީ ފިލްމުގެ އާމްދަނީ ރަނގަޅު ކުރުމަށެވެ.
އެގޮތުން ބަންދު ދުވަސްވަރަކާ ދިމާކޮށް ފިލްމު ނެރެން ޝާހު އަންނަނީ މަސައްކަތް ކުރަމުންނެވެ. ދިވާލި އާ ދިމާކޮށް ފިލްމު ނެރުމަށް މަސައްކަތް ކުރި ނަމަވެސް، އެ ތާރީހުގައި ވެސް ބޮޑު ދެ ފިލްމެއް ރިލީޒް ކުރުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެއީ ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އަދި އަޖޭ ދޭވްގަންގެ "ޝިވޭ" އެވެ.
އޭގެ އިތުރުން ޖެނުއަރީ 26ގައި ވެސް "ރައީސް" ފިލްމު ރިލީޒް ކުރެވޭތޯ އަންނަނީ ބަލަމުންނެވެ. ނަމަވެސް ރިތިކް ރޯޝަންގެ "ކާބިލް" ވެސް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނި އެ ދުވަހު އެވެ.
އަންނަ އަހަރު ފިލްމު ރިލީޒްކުރި ނަމަވެސް ފިލްމު ރިލީޒްކުރާނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.