ގައުމީ ޔުނިވާސިޓީގެ ތިން ކެމްޕަހެއްގައި ހިންގާ ފެކަލްޓީ އޮފް އާޓްސްގެ ކޯސްތައް ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެގެން އިއުލާންކޮށްފި އެވެ.

ފެކަލްޓީ އޮފް އާޓްސް އިން އިއްޔެ ކުރި އިއުލާންތަކުގައި 59 ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެގެން އިއުލާންކޮށްފައި ވަނީ މާލޭގައި ހުންނަ ކެމްޕަހުގެ އިތުރުން ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ހުންނަ ކެމްޕަހަށެވެ.

އެގޮތުން،މާލޭގައި ހުންނަ ކެމްޕަހުންއެކަނިވެސް 45 ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެގެން އިއުލާންކޮށްފައިވެ އެވެ.

އެގޮތުން، އެ ކެމްޕަހުގެ ފެކަލްޓީ އޮފް އާޓްސްގެ ދަށުން ހިންގަމުން އަންނަ ބެޗްލާ އޮފް އާޓްސް އިން ދިވެހި ލެންގުވޭޖު ކޯހުގެ މާއްދާތަކަށް 16 ޕާޓްޓައިމް ލެކްޗަރަރުން ހޯދަމުންދާއިރު، އެޑްވާންސް ސެޓްފިކެޓް އިން ލެންގުވިޖް ޔޫޒް އާއި އެޑްވާންސް ސެޓްފިކެޓް އިން ލައިބްރަރީ އެންޑް އިންފޮމޭޝަން ސާވިސަސް އަދި ޑިޕްލޮމާ އިން ލައިބްރަރީ އެންޑް އިންފޮމޭޝަން ސާވިސްގެ މާއްދާތައް ކިޔަވައިދިނުމަށް ކޮންމެ ކޯހަކަށް ވެސް ހަތަރު ލެކްޗަރަރުން ބޭނުންވެ އެވެ.

މީގެ އިތުރުން، ބެޗްލާސް އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ގެ ކޯހުގެ މާއްދާތަކަށް ހަތް ޕާޓްޓައިމް ލެކްޗަރަރުންނާއި ބެޗްލާސް އޮފް ސައިކޮލޮޖީގެ ކޯސްތަކުގެ މާއްދާތަކަށް 10 ލެކްޗަރަރުން ދަނީ ހޯދަމުންނެވެ.

ފެކަލްޓީ އޮފް އާޓްސް އިން ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ވެސް މާލޭ ކެމްޕަހަށް 24 ލެކްޗަރަރުން ބޭނުންވެގެން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ފެކަލްޓީން ބުނީ، އެ އިއުލާނަށް އިޖާބަދެއްވާފައިވާ ފަރާތްތައް އަލުން އެޕްލިކޭޝަން ފޮނުއްވަން ނުޖެހޭނެ ކަމަށެވެ.

ގދ. ތިނަދޫ ކެމްޕަހުގައިފެކަލްޓީ އޮފް އާޓްސް އިން ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ނުވަ ލެކްޗާރަރުން ބޭނުންވެ އެވެ.

އެގޮތުން، ފެކަލްޓީގެ ދަށުން ހިންގަމުން އަންނަ ބެޗްލާސް އޮފް އާޓްސް އިން ދިވެހި ލެންގުވިޖްގެ ހަ މާއްދާއެއް ކިޔަވައިދިނުމަށް ހަ ލެކްޗަރަރުން އަދި އެޑްވާންސް ސެޓްފިކެޓް އިން ލެންގުވިޖް ޔޫޒް ގެ ތިން މާއްދާއެއް ކިޔަވައިދިނުމަށް ތިން ލެކްޗަރަރުން ބޭނުންވެ އެވެ.

ގައުމީ ޔުނިވާސިޓީގެސ. ހިތަދޫ ކެމްޕަހުގައިހިންގާ ފެކަލްޓީ އޮފް އާޓްސްގެ ދެ ކޯހަށް ޕާޓްޓައިމް ފަސް ލެކްޗަރަރުން ބޭނުންވެ އެވެ. އެއީ ބެޗްލާސް އޮފް އާޓްސް އިން ދިވެހި ލެންގުވިޖްގެ ދެ މާއްދާއެއް ކިޔަވައިދިނުމަށް ދެ ލެކްޗަރަރުންނާއި އެޑްވާންސް ސެޓްފިކެޓް އިން ލެންގުވިޖް ޔޫޒްގެ ތިން މާއްދާ އެއް ކިޔަވައިދިނުމަށް ތިން ލެކްޗަރަރުންނެވެ.

ޔުނިވާސިޓީގެ ތިން ކެމްޕަހުގައި ވެސް ފެކަލްޓީ އޮފް އާޓްސް ގެ ދަށުން ހިންގާ ކޯސްތަކުގެ މާއްދާތަކަށް ބޭނުންވާ ލެކްޗަރަރުންގެ ޝަރުތަކީ މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ފެންވަރުގެ ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.

ނަމަވެސް، މީހުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެ ކަމަށް އެ ފެކަލްޓީން ބުނެ އެވެ.

ފެކަލްޓީ އޮފް އާޓްސް އިން ބުނީ، ޕާޓްޓައިމް ލެކްޗަރަރުންގެ އުޖޫރަ އަކީ ނަންގަވައިދެއްވާ ކޮންމެ ގަޑިއަކަށް 200 ރުފިޔާ އަދި މާކުކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް 35 ރުފިޔާ ކަމަށެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ ބޭފުޅުން ފޯމް ފޮނުވުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މޭ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، އެ މަގާމަކަށް އިއުލާންކުރި ކެމްޕަހަކަށެވެ.