26 Apr 2016, 10:19
އީޓާލިއަން ލީގުގައި ރޭ ރޯމާ އަތުން 1-0ގެ ނަތީޖާ އަކުން ނަޕޯލީ ބަލިވުމުން ބާކީ ތިން މެޗު އޮއްވައި ޔުއެންޓަސްއަށް ލީގު ކަށަވަރު ވެއްޖެ އެވެ.
ރޭގެ އެ މޮޅާ އެކު 71 ޕޮއިންޓާއެކު ރޯމާ ތިން ވަނާގައި އޮތް އިރު ދެ ވަނާގައި އޮތް ނަޕޯލީ އަށް ލިބެނީ 73 ޕޮއިންޓެވެ. އެއް ވަނާގައި ޔުއެންޓަސް އޮތީ 85 ޕޮއިންޓާއި އެކު އެވެ. އެހެންކަމުން ދެ ވަނާގައި އޮތް ނަޕޯލީ ކުރިއަށް އޮތް ތިން މެޗު ކާމިޔާބު ކުރި ނަމަވެސް އެ ޓީމަށް ލިބޭނީ 82 ޕޮއިންޓެވެ.
ރޯމާގެ ސްޓަޑިއޯ އޮލިމްޕޮކާއޯގައި ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު މެޗު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ނަޕޯލީ އަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަޖާ ނައިންގޮލާން އެވެ.
ސީޒަނުގެ ކުރީ ކޮޅުގައި ޔުއެންޓަސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމު ވަނީ ގިނަ މެޗުތަކަކުން ބަލިވެ ލީގުގެ 12 ވަނަ އަށް ވެސް ވެއްޓިފަ އެވެ. ނަމަވެސް ޔުއެންޓަސްގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރުގެ ކޯޗު މައްސިމިލިއާނޯ އަލްލޭގިރީގެ އިރުޝާދުގެ ދަށުން އެ ޓީމް ވަނީ ކުޅުން ރަނގަޅު ކޮށް ލީގުގައި ބަލިނުވެ 24 މެޗު ވެސް ހަމަކޮށްފައެވެ.
ޔުއެންޓަސް އަށް މި ސީޒަން ކާމިޔާބު ކުރުމުން އެ ޓީމު ވެގެން ގޮސްފައިވަނީ ޖެހިޖެހިގެން އިޓާލިއަން ލީގު ފަސް ވަނަ ފަހަރަށް ކާމިޔާބު ކުރި ފުރަތަމަ ޓީމަށް ވެފަ އެވެ. އެ ޓްރޮފީއާ އެކު އެންމެ ގިނަ ފަހަރު އިޓާލީ ލީގު ކާމިޔާބް ކޮށްފައިވާ ޔުއެންޓަސް އަށް ވަނީ 32 ފަހަރު ލީގް ޗެމްޕިއަންކަން ލިބިފައެވެ. އެންމެ ކައިރިން ވާދަކުރާ އޭސީ މީލާން އަށް ލީގް ކާމިޔާބް ކުރެވިފައިވަނީ 18 ފަހަރުއެވެ.