26 Apr 2016, 22:21
ދިރާގުގެ ހިއްސާއަކަށް 9.53 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.
ދިރާގުގެ ހިއްސާދާރުން އެގޮތަށް ފާސް ކުރީ ހޮޓެލް ޖެންގައި މިރޭ ކުރިއަށްދާ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ.
މިދިޔަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 725 މިލިއަން ރުފިޔާ އެވެ. މިއީ 2014 ވަނަ އަހަރު ލިބުނު ސާފު ފައިދާއަށް ވުރެ 24 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ދިރާގުގެ ހިއްސާ އަހަރަކު ދެ ފަހަރު ބަހަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ ފަހު ޑިވިޑެންޓްގެ ގޮތުގައި ހިއްސާއަކަށް ބަހަން ކަނޑައެޅި 4.69 ރުފިޔާއާ އެކު މިދިޔަ އަހަރު ވަނީ ހިއްސާ އަކަށް ޖުމްލަ 9.53 ރުފިޔާ ޖެހިފަ އެވެ. މިރޭ އެގޮތަށް ފާސްކޮށްފައި ވަނީ 75 ޕަސެންޓް ހިއްސާދާރުންގެ ވޯޓުންނެވެ.
ދިރާގުގެ މިދިޔަ އަހަރުގެ ފަހު ޑިވިޑެންޑް ގޮތުގައި ޖުމްލަ 356،440،000 (ތިންސަތޭކަ ފަންސާސް ހަ މިލިއަން ހަތަރު ލައްކަ ސާޅިސް ހާސް ރުފިޔާ) ބެހުމަށް ބޯޑުން ވަނީ ނިންމާފަ އެވެ. އެއާ އެކު މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ޖުމްލަ 724،280،000 (ހަތްސަތޭކަ ސައުވީސް މިލިއަން ދެ ލައްކަ އަށްޑިހަ ހާސް ރުފިޔާ) ހިއްސާދާރުންނަށް ލިބޭނެ އެވެ.
އާމްދަނީގެ ގޮތުގައި ދިރާގަށް މިދިޔަ އަހަރު ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނު އާމްދަނީ އަކީ 2.1 ބިލިއަން ރުފިޔާ އެވެ.
ދިރާގުން ބޭއްވި އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ ގޮތުގައި ހޮވިފައިވަނީ ހަމައެކަނި ކުރިމަތިލެއްވި އިމްރާން އަލީ އެވެ. މިހާރު ވެސް އެ މަގާމުގައި ހުންނެވީ އޭނާ އެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޑިޓު ކުރުމަށް ހޮވިފައިވަނީ ކޭޕީއެމްޖީ އެވެ.