ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި ރެއަކަށް އެންމެ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ދިރުހަމެއްގެ އަގުގައި ތިން ރޭ ހޭދަކުރުމުގެ އާ ކެމްޕެއިނެއް އިއްތިހާދު އެއާވޭސްގެ ދަށުން ހިންގާ އިއްތިހާދު ހޮލިޑޭސް އިން ފަށައިފި އެވެ.

"މޭ މޯލްޑިވްސް މޭޑްނެސް"ގެ ނަމުގައި ފަށާފައިވާ އެ ކެމްޕެއިންގެ ދަށުން ރާއްޖޭގެ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ އަނަންތަރާ ވެލީގައި ހަތަރު ރޭ ހޭދަކުރާ ފަތުރުވެރިއަކަށް، އެ ރިސޯޓުގައި އިތުރު ތިން ރޭ، ރެއަކަށް އެއް ދިރުހަމް (4.19 ދިވެހި ރުފިޔާ)ގެ ރޭޓުން ހުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އިއްތިހާދު ހޮލިޑޭސް އިން ބުނީ، އެ ކެމްޕެއިނުގައި ބައިވެރިވެވޭނީ މި މަހުގެ 22 އިން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ބުކިން ހަދައި، އަދި 22 އޭޕްރިލް އިން 31 އޮގަސްޓަށް ދަތުރުކުރާ މީހުންނަށް ކަމަށެވެ. ފަސް ތަރީގެ އަންނަތަރާ ވެލީގައި ހަތް ރޭ ހޭދަކޮށް އަބޫ ދާބީން ރާއްޖެއަށް އިއްތިހާދު އެއާވޭސްގެ އެކޮނަމީ ކުލާހުގައި ދަތުރުކުރުމަށް ދެކޮޅު ޓިކެޓު ހިމެނޭ އެ ޕެކޭޖުގެ އަގަކީ 9599 ޔޫއޭއީ ދިރުހަމް (2613 ޑޮލަރު) އެވެ.

އޭގެ ތެރޭގައި ހެނދުނުގެ ނާސްތާ އާއި ސްޕީޑްބޯޓު ޓްރާންސްފާގެ ހިދުމަތް ލިބިގެންދާނެ އެވެ.

އިއްތިހާދު އެއާވޭސްގެ ނައިބް ރައީސް މުހައްމަދު އަލް ބުލޫކީ ވިދާޅުވީ، އިއްތިހާދު ހޮލިޑޭސް އިން އަބަދު ވެސް މަސައްކަތް ކުރަނީ އެކުންފުނީގެ މެހެމާނުންނަށް ތަފާތު ތަޖުރިބާ އެއް ދިނުމަށް ކަމަށެވެ.

"އަނަންތަރާ ވެލިއާ އެކު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލުގެ އެކްސްކުލޫސިވް ރިސޯޓެއްގައި ހެޔޮ އަގެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ،" މުހައްމަދު އަލް ބުލޫކީ ވިދާޅުވި އެވެ.

"މޭ މޯލްޑިވްސް މޭޑްނެސް" ކެމްޕެއިން ލޯންޗު ކޮށްފައި ވަނީ، އިއްތިހާދު ހޮލިޑޭސްގެ ސަމާ ސޭލްގެ ދަށުންނެވެ. ސަމާ ސޭލްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗުއްޓީ ހޭދަކޮށްލުމަށް އިއްތިހާދު ހޮލިޑޭސް އިން ވަނީ ހާއްސަ 30 ޕެކޭޖެއް ތައާރަފްކޮށްފަ އެވެ.